
ރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، މާފަންނު މެދުދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުމަށްފަހު، އަލުން އިޔާދަކޮށްފިއެވެ.
ސަލްމާ އަދި އަސްމާގެ ދަރިކަލުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ރަޝީދު (މުންދު)މިދިޔަ ހޯމަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވައި އަސްމާ ދެއްކެވި ވާހަކައެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ. އެ އޯޑިއޯގައި އަސްމާ ވަނީ ޕީއެންސީގެ މެންބަރުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެންފައެވެ.
އަދި ސިޔާސީ ގޮތުން އޭނާއާމެދު އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށްވެސް އަސްމާ ވިދާޅުވެއެވެ.
އެ މައްސަލައިގައި މުންދު އާއި ސަލްމާ ވަކިކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި އިއްޔެ ވަނީ ސަލްމާގެ މަގާމު އިޔާދަކޮށްފައެވެ. ނަމަވެސް މުންދުގެ މަގާމު އިޔާދަކޮށްފައެއް ނުވެއެވެ.
ސަލްމާގެ މަގާމު އިޔާދަކުރިނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ސަފީރުންގެ ލިސްޓަށް އަދި އޭނާގެ ނަން ހިމަނާފައެއް ނުވެއެވެ. ވަކިކުރި ހިސާބުން އޭނާގެ ނަން ވަނީ ނަގާފައެވެ.

