ޖަމިއްޔަތުއް ސަލަފުގެ ސްޕޯޓްސް ޑިރެކްޓަރުގެ މަގާމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްއަނީ ހަމަޖައްސައިފި އެވެ.
އެކަން އެ ޖަމިއްޔާ އިން އިއުލާނުކޮށްފައި ވަނީ ނިމިދިޔަ އަލްހާ އީދު ފާހަގަކުރުމުގައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރި ޖަމިއްޔާތަކާއި ކައުންސިލްތައް ފާހަގަކޮށް ހިތްވަރު ދިނުމަށް ބޭއްވި ހަފްލާގަ އެވެ.
އެ ހަފްލާގައި ވަނީ ޖަމިއްޔަތުއް ސަލަފުން މުޅީން އަލަށް ސްޕޯޓްސް ޑިރެކްޓަރުގެ މަގާމު އުފައްދާފައިވާކަން އިއުލާނު ކޮށްފަ އެވެ.
އަދި އެ މަގާމަށް އަކްރަމް އައްޔަނުކޮށްފައިވާކަން އިއުލާނުކޮށް އެކަމުގެ ލިޔުން ވަނީ އަކްރަމްއާ ހަވާލުކޮށްފަ އެވެ. ލިޔުން ހަވާލުކޮށް ދެއްވީ ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމިއްޔާގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް އެވެ.
ޖަމިއްޔަތުއް ސަލަފުން ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތަކުގައި ވެސް ވަރަށް ގިނައިން އަކްރަމް ބައިވެރިވެ އެވެ. އެގޮތުން 2024 ގައި ފޯއްމުލަކު ސިޓީގައި ބޭއްވި ސަލަފު ރިޙްލާގައި އަދި މި އަހަރު ޖޫން މަހު ށ .އަތޮޅުގައި ބޭއްވި ސަލަފު ހިޖްރަ ކޭންޕުގައިވެސް އަކުރަމް ވަނީ ބައިވެރިވެފަ އެވެ.