
ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެރެކޮށް ، އެތަކެތީގެ ވިޔަފާރިކުރަމުން ދާތީ އެކަން ހުއްޓުމުވުގެ ގޮތުން ، ސަފާރީތައް މީހުން ދިރިއުޅޭ ރަށްރަށާ ދުރަށް ޖެއްސުމަށް ނިންމަވައިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަފާރީތައް މީހުން ދިރިއުޅޭ ރަށްރަށާ އެއްކިލޯ މީޓަރު ދުރުގައި ބާއްވަން ޖެހޭ ގޮތަށް ހައްދަވާނެ ކަމަށެވެ.
“ސަފާރީތަކަކީ ލައިސަންސެއް އޮވެގެން، ރިސޯޓުތަކުގައި އޮންނަ ގޮތަށް ލައިސަންސް އޮވެގެން އެ ސަފާރީގައި ނިދާ ޓޫރިސްޓުންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނަ، ލައިސަންސް އޮންނަ ބައެއް. ގަވާއިދު މި ބަދަލުކުރަނި މީހުން ދިރިއުޅޭ ރަށްރަށާ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވެސް އެއް ކިލޯމިޓަރު ދުރުގައި ކަމަށް ސަފާރީ ބޭއްވޭނީ،” ރައީސް ވިދާޅުވިއެވެ.
ލޯކަލް ޓޫރިޒަމްގައި ހުރި ބައެއް އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިނގާ ކޮންމެ ރަށެއްގައި އެކަމަށް ޚާއްޞަ އޮފީހެއް ހެދުމަސް ކެބިނެޓުން ނިންމައިފައިވާ ކަމަށާއި އެ އޮފީސްތައް ހިންގުން ހަވާލުކުރާނީ ކައުންސިލްތަކާ ކަމަށެވެ.

