ސިޔާސީ ޕާޓީތައް ހިންގުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ފަދަ ބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަކީ ގައުމާއި އާއިލާތަކަށް ފުރައްސާރަކުރެއްވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު އެހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭގޮތުން ޖަމީލު ދެއްކެވި ވާހަކަތައް ރައްދު ދެއްވަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖަމީލު ވިދާޅުވެފައި ވަނީ “މަކަރު ހަދާ މީހުންނަށް ސުވަރުގެ ހަރާން ކަމަށް” ހަދީސްގައިވާ ކަމަށެވެ.
“ކިތަންމެ ވަރަކަށް ޓީވީއާ އެއްޗެހި ހިފައިގެން ގޮސް ފަތިސް ނަމާދަށް އެރިޔަސް އެއޮތީ ހަދީސެއް، މި މަކަރު ހަދާފައި ﷲ އޭނާގެ މައްޗަށް ސުވަރުގެ ހަރާން ކުރައްވާނެ ކަމަށް އެ އޮތީ ހަދީސްގައި އަންގަވާފައި،” ޖަމީލް ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން “އެކްސް” ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރިން އޭރުގެ ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ވެސް ވީޑިއޯއިން ފެންނަ ބޭފުޅާ [ޖަމީލު] ރުންކުރުވެ، އެ ތަނުގައި ތިބި ރައްޔިތުންނަށް “ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔަ” ކަމަށެވެ.
އަދި އޭގެ 17 އަހަރު ފަހުން ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި މައިކު އަތުޖެހުމުން “ދުނިޔެ ރަންވެ ހޭބުއްދި ލުހި، އަނބިދަރީންނާ އާއިލާތަކުގެ ކަރާމާތަށް” ދަނީ އަރައިގަންނަމުން ސައީދު ވިދާޅުވި އެވެ.
“ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާ ސުވަރުގެ އާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދު ވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މި ދަނީ. މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރައްވާށި،” ސައީދު ވިދާޅުވި އެވެ.
2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ހަމަ މި ވީޑިއޯއިން މި ފެންނަ ބޭފުޅާ ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔައީ. އޭގެ 17… https://t.co/0i1NpGAOAq
— Mohamed Saeed (@em_saeed) April 18, 2025
މިނިސްޓަރު ވިދާޅުވީ ޖަމީލު ފަދަ ބޭފުޅުންނާ އަޅާބަލާއިރު ރައީސް މުއިއްޒުގެ ތަފާތަކީ ހަރުދަނާކަމާއި މަޑުމައިތިރިކަން ކަމަށެވެ. އަދި ރީތި އަހުލާގުގައި ހިފަހައްޓަވައި، އަނެކުންގެ ކަރާމާތް ހިފެހެއްޓެވުމުގެ އިތުރުން ރައީސް މުއިއްޒުއަކީ ހީވާގި އަދި ރެޔާދުވާލު ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅު ފުއްދެވުމަށް ހިންމަތާ އެކު ބުރަ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
“އެ ކަންކަން ކާމިޔާބުވަމުން ރައީސް މުއިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން މިހެން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ. ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާތަކަށް ވެސް ފުރައްސާރަ. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާ ގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން،” ސައީދު ވިދާޅުވި އެވެ.