
ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިއާއެކު ރާއްޖެ ވެފައި މިވަނީ “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް”ގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ޤައުމެއްގެ ތެރޭގައެވެ.
ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާ، “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް”ގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 15ވަނަ ދުވަހުގައެވެ.
ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރަން ފަށާފަމިވަނީ ސައިބަރ ކްރައިމްއާ ދެކޮޅަށް، ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ ހައިލެވަލް ކޮންފަރެންސްގެތެރެއިންނެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ.
މި މުއާހަދާ އެކުލަވާލާފަވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ނަމަވެސް، ޤައުމުތަކުން ސޮއިކުރަން ފަށާފަވަނީ މިއަދުއެވެ.
ޑިޖިޓަލް ދާއިރާގެ ތެރެއިން ސަލާމަތީ ރައްކާތެރިކަން އިތުރުކޮށް، ތަޙުގީގުކުރުމުގެ ހުނަރު އިތުރުވެގެންދާނެ މި މުއާހަދާގައި ސޮއިކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚާލީލް ވިދާޅުވީ، މިއީ ވަރަށް ތާރީޚީ މުނާސަބާއެއްކަމަށެވެ. އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް، ވަސީލަތުގެ ދަތިކަމާއެކު މި ފަދަ މައްސަލަތަކުގެ ނާޒުކުކަން ބޮޑުވާ ސަބަބެއްކަމަށެވެ. ނަމަވެސް މި ގޮންޖެހުންތަކާ ކުރިމަތިލާ، ޑިޖިޓަލް ޕްލެޓްފޯމަކީ ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން ކުރާކަމަށެވެ.
މި ޤާއިމުކުރި އެއްބަސްވުމުގެ ސަބަބުން މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހިރާސްތައް ކުޑަކުރުމާއި ޤާނޫނީ ގޮތުން މި މައްސަލައަށް ރިޢާޔަތްކުރުމާއި ޤައުމުތައް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް އެކަށައެޅޭނެކަމަށް ވިދާޅުވިއެވެ.
“ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް” ހައިލެވެލް ކޮންފަރެންސްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެވަޑައިގަންނައެވެ. އަދި މި ބައްދަލުވުންތަކުގެތެރެއިން ރާއްޖެއިން މުހިންމު މަޝްވަރާތަކުގައި ބައިވެރިވެއެވެ.
ކޮންފަރެންސް 2 ދުވަހުގެ މުއްދަތައް ކުރިއަށްދެއެވެ.

