
ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (އެސްޕީއެމްސީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަން ކުރައްވައިފިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މިހާރު ވެސް ހުންނެވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަޤާމުގައެވެ. އަދި މީގެ ކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އާޢިޝަތު މުޙައްމަދު އާއި ޝިބާނާ އަބްދުﷲ ދީދީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަން ކުރައްވައިފައެވެ. އަދި ޑރ. ޝާހު މާހިރު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަން ކުރައްވާފައެވެ.
މި ކުންފުނި އުފައްދައިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ކުންފުނި އުފެއްދެވީ ކުންފުނީގެ ގާނޫނުގެ 15ވަނަ މާއްދާގެ ދަށުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެސްޕީއެމްސީސީ އުފެއްދެވުމުގެ މައިގަނޑު މަގުޞަދަކީ، ރާއްޖެއަށް ބޭސް، މެޑިކަލް ކޮންޒިއުމަބަލްސް، އަދި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ އެތެރެކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

