
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހުސެއިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރި ކުރަމުންދިޔަ ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
ނަމަވެސް ހަމަ އެ ދުވަހު ދޫކޮށްލުމުން، ފިލައިން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ޖެހިގެން އައި ދުވަހު އަނެއްކާ ވެސް އޭނާ ހައްޔަރުކޮށް، 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިރޭ ބުނީ ސަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެ ކޯޓުން ސަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުންދާ އިރު ކުރަންހުރި މަސައްކަތަށް ރިއާޔަތްކޮށް އެ އޮފީހުން ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ސަނީގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ނިމިގެން މިދިޔަ ހަފްތާގައި ބުނީ އެ މައްސަލައިގައި ކުރިއެރުންތަކެއް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ސަނީގެ އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއިންނެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ވެސް ފަހުން އެ މައްސަލަ އޮތީ ފުލުހުންނަށް ހުށަހަޅައިފައެވެ.
އެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ސަނީގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޓްރެވަލް ގައިސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށައިފައިވާ ކަމަށާއި ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.

