
ގްރީސްއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކުރަން މަޝްވަރާތަކެއްކޮށްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ލަންޑަންގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މައުރަޒުތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގެ ތެރެއިން އެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމްއާއި ގްރީސްގެ ޓޫރިޒަމް މިނިސްޓަރު އޮލްގާ ކެފަލޮގިޔާނީއާވެސް ބައިވެރިލެއްވި އެ ބައްދަލުވުމުގައި ދެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމާއި، ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
ރާއްޖެއާއި ގްރީސްއަކީވެސް ފަތުރުވެރިކަން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމުކަމުން، އެ ބައްދަލުވުމުގެ ސަބަބުން ދެގައުމަށްވެސް ފައިދާ ކުރާނެ ގިނަ ކަންތައްތަކެއް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި އެއާލައިން ގުޅުންތައް ހަރުދަނާކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ކެރިފޯރުންތެރިކަން އިތުރުކޮށް އަދި ދަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރުން ފަދަ މުހިންމު އިސްކަންދޭ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރިކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ޓޫރިޒަމް ދާއިރާގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި، އަދި ދެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރި އެވެ. އެ މަޝްވަރާތަކުގެ ތެރެއިން ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި، އާ އީޖާދީ ގޮތްތަކަށް އަލިއަޅުވާލާފައި ވެސް ވެއެވެ.

