ރޯދަ ހަދިޔާގެ ގޮތުގައި ގެބިސީތަކަށް 112،000އެއްހާ މަސްދަޅު ކޭސް ބެހިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ‘ރައްޔިތުންނާ އެކު’ ނަމުގައި ފެށި ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ އަތޮޅު ތެރޭގައި 61،909 މަސްދަޅު ކޭސް ބެހިއިރު މާލޭގައި 49،899 ކޭސް ބެހި ކަމަށެވެ.
އެއު ޖުމްލަ 111،808 ކޭސް ބެހިކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ހުރިހާ ރަަށެއްގައިހެން ރޯދަ މަހުގެ ކުރީކޮޅު މަސް ދަޅު ކޭސްތައް ބަހައި އޮތި ނިންމައިފަ އެވެ. ނަމަވެސް އައްޑޫ ސިޓީގެ ބައެއް ގޭ ބިސީތަކަށް މަސް ދަޅު ނުލިބިގެން ވަނީ އިތުރު މަސްދަޅު ކޭސް ފޮނުވައި މިއަދާ ހަމަައަށް މަސް ދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.
މީގެ ކުރިން ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ބެހީ ހަނޑޫ ބަސްތާއެކެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަސްދަޅު ކޭސް މިފަހަރު ބަހަން ނިންމީ އެއީ ގިނަ ބަޔަކު ވަރަށް ގިނައިން ބޭނުންވެސް ކުރާ އެއްޗަކަށް ވެފައި އަގުވެސް ބޮޑު އެއްޗަކަށް ވާތީ ކަމަށެވެ.
މި ފަހަރު ބެހީ 48 ދަޅުގެ މަސް ދަޅު ކޭސްތަކެވެ.