ގޭންގު ކުށްތައް ސާފުކޮށް ބަޔާންކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މައްޗަން ގޮޅީ މެދު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލީހުން މިއަދު ފާސްކުރީ 55 މެމްބަރުންގެ ވޯޓާއެކު އެވެ. އަދި 11 މެމްބަރަކު އެ ބިލަށް ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.
ބިލުގައި ބުނެފައިވަ ގޮތުން އިންތިޒާމްވެފައިވާ ކުށްކުރަ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. އަދި އިންތިޒާމްވެފައިވަ ކުށްކުރާ ގްރޫޕެއްނެ ނިޝާން ބޭނުންކޮށް ނުވަތަ ހާމަކޮށްގެން އުޅޭ މީހުންނަކީ އެ ކުށްކުރާ ގްރޫޕަށް ނިސްބަތްވާ މީހަކު ކަމުގައި ބެލެވޭނެކަމަށް ބިލުގައި ބުނެފައިވެ އެވެ.
އަދި އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅުމަށް ހިތްވަރުދީ ވާހަކަ ދެއްކުމަކީ ވެސް އެފަދަ ގްރޫޕަކަށް މީހުން ރެކްރޫޓްކުރުން ކަމުގައި ބެލެވޭނެކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ވަނީ ގޭންގާ ގުޅޭ ވަކިވަކި ކުށްތަކަށް ވެސް އަދަބު ކަނޑައަޅައިފަ އެވެ.
އެގޮތުން ގޭންގެއް އުފެއްދުމުގެ ކުށުގެ އަދަބަކީ 25 އަހަރަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖުރިމަަނާކުރުމެވެ.
އަދި ގޭންގަކަށް މީހަކު ރެކްރޫޓްކުރުމުގެ އަދަބަކީ ވެސް 25 އަހަރަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖުރިމަަނާކުރުން ކަމަށް ބުނެފައިވެ އެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިޝާން އެނގިހުރެ ހާމަކުރުމުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް ލައްކައާ ހަމައަށް ޖޫރިމަނާ ކުރުމެވެ.