
ގެދޮރުވެރިޔާ ސްކީމްގެ ދަށުން, 3879 ފަރާތެއް ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ފްލެޓުތަކުގެ އަދަދު ތަފްސީލާ އެކު ހިއްސާކުރައްވާފައެވެ.
މި ސްކީމްގެ ދަށުން 3 ކޮޓަރީގެ 2800 ފްލެޓާއި 2 ކޮޓަރީގެ 1200 ފްލެޓު ހިމެނެއެވެ. އަދި މިހާތަނަށް މި ފްލެޓުތަކުގެ ހައްގުދާރުންގެ ތެރެއިން 3879 މީހެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވިފައި ވަނީ 399 މީހަކަށް ކަމަށާއި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެންމެނަށް ތަޅުދަނޑިތައް ހަވާލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ނިނމިފައި ވަނީ މި މަޝްރޫޢުގެ 32 އިންސައްތައެވެ. އަދި މި ދައުރުގައި 68 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.

