ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ގޮތުން މައްސަލަތަކައެއް ފާހަގަކޮށް ކުރީ ސަރުކާރުގެ އިސްވެރިންތަކެއްގެ މައްޗަށް ކުރަން އުޅެނީ ސިޔާސީ ދައުވާތަކެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކޮށް ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާއި ނިމިގެން ދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި އިތުރު ތިން ބޭފުޅަކަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިއަދު އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި އެކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި އެ ދައުވާތަކަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކުރާ ދައުވާތަކެކެވެ.
ވަކި ބަޔަކަށް ފްލެޓް ދޭން ކުރީ ސަރުކާރުގެ އިސް ބޭފުޅުން މަސައްކަތް ކުރިކަމަށް ތުހުމަތުކުރާއިރު މި ސަރުކާރުން ވެސް އެންމެ ފަހުން ފްލެޓް ދޫކުރަން ނިންމީ ކުރީ ސަރުކާރުގެ ފްލެޓް ލިސްޓަށް ކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކުރި އެވެ.
ނޫސްބަޔާން: ގެދޮރުވެރިޔާ ސްކީމު ބޭނުންކޮށްގެން ސިޔާސީ ގޮތުން ދައުވާ އުފުލުން ކުށްވެރި ކުރުން pic.twitter.com/D9tO609XeS
— MDP Secretariat (@MDPSecretariat) June 3, 2025
އޭގެ އިތުުރުން ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައްސަލައެއްގައި އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ހައިކޯޓުން ބާތިލުކުރުމުން ވެސް އަލުން އޭސީސީން އެދިގެން އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރުނެރުވީ ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގައިކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެހެންވެ ހިޔާލީ ތަހުގީގެއްގެ މައްޗަށް ބަޔަކަށް ދައުވާކުރަން އުޅެނީ ފްލެޓް ހަވާލުކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެމްޑީޕިގެ ބަޔާނުގައި ތުހުމަތުކޮށްފައި ވެއެވެ.
“މި ދައުވާތަަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުންކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާ ތަކެކެވެ” އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.