ފަސް މީހުންނާ އެކު ހުވަދޫ ކަނޑާ ހިސާބުން ދަތުރުކުރަނިކޮށް ގެއްލުނު ދޯނި، “ކަށި ވާލި” (ބްރިލިއަންޓް ކެރިއާ) ރޭ ފަތިހު ފެނިއްޖެ އެވެ.
ގދ. ގައްދޫން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯނި، ބްރިލިއަންޓް ކެރިއާ ގެއްލިފައި ވަނީ ރޭ 8 ޖަހާކަންހާއިރެވެ. އޭރު ދޯނީގައި ފަސް މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ދޯނީގެ ހަބަރެއް ނުވެގެން، އެ ދޯނި ހޯދަން ކުރި މަސައްކަތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ދޯނި ހޯދާފައިވާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް އެ ދޯނީގެ ހަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓު ކުރުމުން، ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ ރޭ ފަތިހު 4 ޖަހާކަންހާއިރު، ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ދޯނި ފެނުނުއިރު، ދޯނީގެ އިންޖީނު ވަނީ ހުއްޓިފައި ކަމުގައި ފާހަގަކުރި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބްރިލިއަންޓް ކެރިއާގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.