
މާލެ، މާފަންނު ތައިބާ މިސްކިތް ކައިރީ ހުރި ‘ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް’ގެ ގުދަނެއްގައި ރޭ އަލިފާނުގެ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ހާއްސަ ފުލުހުންގެ ތަހުގީގެއް ފަށައިފިއެވެ.
ރޭ ގާތްގަނޑަކަށް 10ޖަހާއިރު ހިނގި މި ހާދިސާގައި އެ ގުދަން ވަނީ އެއްކޮށް އަނދާ އަޅިއަށްވެފައެވެ. އެތަނުގައި އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްގެ އިތުރުން ދަނޑުވެރިކަން ކުރާ ސާމާނާއި ޖަނަރޭޓަރެއްވެސް ހުއްޓެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެތަނުގައި ރޯވި އަލިފާން ނިއްވުމުގައި އުޅުނު ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.
“މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13ސައިކަލަކަށާއި، ޕިކަޕަކަށާއި ކުންފުނީގެ ވެހިކަލަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ.” ފުލުހުން ބުންޏެވެ.
ރައްކާތެރި ގޮތުންނާއި އެތަނުގައި ހުރި ކެމިކަލްގެ ސަބަބުން އުފެދުމުގެ ދުމުގެ އަސަރުކޮށްފާނެތީ އެ ސަރަހައްދުގައި ދިރިއުޅޭ 77މީހަކަށް އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ.
“ފުލުހުން މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް ވަނީ ފަށާފައި.” ފުލުހުން ބުންޏެވެ.

