އެމްޑީޕީގެ މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ބަދަލުކޮށް އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި އެވެ.
ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަހައްދުން ގޯތި ކަނޑައަޅައި، ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ގޯތި ލިބޭ މީހުންނަށް ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގަ އެވެ. އެކަމުން އިސްތިސްނާ ވާނީ ބްރިޖު އަޅާ ސަރަހައްދުން ގޯތި ލިބޭ މީހުން އެކަނި ކަމުގައި ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވަނީ ދެތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެކަމާ ގުޅިގެން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން އިއްޔެކުރި އިއުލާނުގައި ބުނީ ކުރީގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ގުޅިފަޅުގެ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި އެ ޕްލޭނަށް ބަދަލު ގެނެސް އެ މަހުގެ 27 ވަނަ ދުވަހު ގެޒެޓުކުރި ޕްލޭނަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ އަލަށް އެކުލަވާލެވުނު ލޭންޑް ޔޫސް ޕްލޭން އިއުލާނާ އެކު އާންމުކޮށްފަ އެވެ.

ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ތަފުސީލު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިރޭ ވަނީ ދެއްވާފަ އެވެ. “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ އިއުލާނުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.
އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިންމު ބައިތައް ނެތުމާ އެކު، އެ ޕްލޭން ބަދަލުކޮށް މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އާ ޕްލޭނެއް އިއުލާނުކޮށްފައިވާ އެވެ. އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުން ވެސް ބާއްވާފައިވާ ކަަމަށެވެ.
ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނުއިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތް ވެފައިވާ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.
“24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކުރެވިފައިވުމާ އެކު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައި ވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ގުރުއަތު ނެގިފައިވާތީ އެވެ.” މުއްތޮލިބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގުޅިފަޅުން ދިނުމަށް ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި ގެޒެޓުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދިނުން ކަމަށް ވާތީ ކަމުގަ އެވެ.

މި ބަދަލާ އެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދަށް ބަދަލު ކުރެވިފައިވާ ކަމުގަ އެވެ. މި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާ އާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާ މެދު މަޝްވަރާކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
“މި މަސް ތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާ ދޭން ފެށޭނެ އެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލު ކުރެވޭނެ އެވެ.” މުއްތޮލިބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ބަދަލަކީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި އޭރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑައި ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފައިވެ އެވެ.