
ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ފާއިޒުގެ މައްޗަށް ތުހުމަތު ކުރަނީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ދެ ފަރާތެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް އަމަލުކުރި ކަމެވެ.
އެއިން އެކަކަކީ އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހުމާނެވެ. ދެން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ހުރީ މީހެކެވެ.
ޖޭއެސްސީން ބުނީ އެއިން އެއް ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމީ ގާނޫނުތަކާ ޚިލާފަށް ކަން ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ފަނޑިޔާރު ކަމުން ފާއިޒު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމި އެވެ.

