ފަލަސްތީނުގެ ގާޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި ސިއްހީ އެހީތެރިންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން އެގޮތަށް ގޮވާލާފައި ވަނީ ދުނިޔޭގެ ސިއްހަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ “ވޯލްޑް ހެލްތު އެސެމްބްލީ” ގައި ފަލަސްތީނާ ގުޅޭ އިންޓަވެންޝަންގަ އެވެ.
އެ އިންޓަވެންޝަންގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ގާޒާގެ އާންމުންނަށް ކަށަވަރުވަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ގާޒާގެ ސިއްހީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސް ބައެއްގެ ގެދޮރު ނެތިކޮށް، ސިއްހީ ފަރުވާދޭ ތަންތަނަށާއި ސިއްހީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން އަޅަމުންދާ ހުރަސްތަކާ މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ގާޒާގެ އާންމުން މަހުރޫމުވެފައިވާކަން ފާހަގަކުރެއްވި އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި އިޒްރޭލުން ގާޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ހަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގަ އެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގުފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ގޮވާލައްވާފަ އެވެ.
އޭގެ ތެރޭގައި ނަފުސާނީ އެހީތެރިކަމާއި ކުޑަކުދިންގެ ސިއްހަތާ ގުޅުންހުރި މުހިންމު ކަންކަމާއި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން ނާޒިމް ފާހަގަކުރެއްވި އެވެ.
ނާޒިމުގެ ތަގުރީރުގައި ވަނީ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އދ. ގެ މެމްބަރު ގައުމުތަކަށް ގޮވާލައްވާފަ އެވެ. ކޮންމެ ގައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތް ވިނަމަވެސް އިންސާނީ ހައްގުތައް ކަށަވަރުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން މި މައްސަލައިގައި ސާބިތުކަމާ އެކު ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން ދެއްވައި ހެލްތު މިނިސްޓަރު ވަނީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމަށް ފާހަގަކުރައްވާފަ އެވެ.