
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމަން އަންނަ ހުކުރުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފި އެވެ.
ގަޕޯ ވަކިކުރަން ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން އެމްޑީޕީން ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން ޕާޓީގެ އިސް ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަަރު ފައްޔާޒް އިސްމާއިލްއަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ދީފައި ނުވުމުން އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އެ ޕެޓިޝަނާ ގުޅިގެން މަގާމުން ދުރަށް ވަޑައިގަތުމަށް ބައެއް މެމްބަރުން ވަނީ އޭނާއަށް ގޮވާލައްވާފައެވެ. ނަމަވެސް، އެ ގޮވާލުންތަކަށް ރައްދުދެއްވައި ގަޕޯ ވަނީ މަގާމު ދޫކޮށްލެއްވުމުގެ އެއްވެސް ވިސްނުންފުޅެއް ނެތްކަން ވަރަށް ސާފުކޮށް ވިދާޅުވެފައެވެ.
“ދެން” އަށް ކަށަވަރުވެފައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމާނީ އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
ގަޕޯ ވަކިކުރަން ހުށަހެޅި އެ ޕެޓިޝަނުގައި ވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި، އޭނާ ނިންމުންތައް ނިންމަވަނީ އެހެން ފަރާތަކުން އަންގާ ގޮތަށް ކަމަށެވެ.
އަދި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކުއްލި ގޮތަށް ޕާޓީގެ ލީގަލް އެޑްވައިޒަރު އަހުމަދު މައުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިންރާހިމް ވަހީދު ވަކިކުރުންވެސް ބަލައިނުގަންނަ ކަމަށާއި، އެ ދެ ބޭފުޅުން ވަކިކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށްވެސް އެ ޕެޓިޝަނުގައިވެއެވެ.

