މާލެ ސިޓީގައި ހައްދާފައިވާ ގަސްތަކާއި މެދު އަމަލުކުރާނެ ގޮތެއް ހޯދުމަށް، ފަންނީ ލަފާ ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 190 ވަނަ ޖަލްސާގައި، ދެމެހެއްޓެނިވި ގޮތެއްގައި ގަސްތައް ބެލެހެއްޓުމާއި، އަދި ގަސްތަކާމެދު އަމަލުކުރާނެ ގޮތެއް ހޯދުމަށް ފަންނީ ލަފާ ހޯދުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން މޭޔަރު އަލީ އާޒިމް ވާހަކަ ދައްކާފައިވާ ކައުންސިލުން ބުންޏެވެ.
މި ކަމަށް ތާއިދު ކުރައްވާ މާލެ ސިޓީގެ ބައެއް ކައުންސިލަރުން ދެއްކެވި ވާހަކާގައި، ގަސްތައް ހެދި ބޮޑުވެ، ގަހުގެ ބޭނުން އެންމެ ބޮޑަށް ހިފަން ޖެހޭ ވަގުތު ގަސްތައް ކަނޑާލަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް އެ ގޮތަށް ގަސްތައް ކަނޑާލުމުގެ ބަދަލުގައި، ގަސްތައް މެނޭޖް ކުރާނެ އުސޫލެއް ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
އަދި މީގެ އިތުރުން މާލެއަކީ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމުން ގަސްތައް އިންދުމުގައި ބަލަން ޖެހޭ ކަންކަން ހުރި ކަމަށާއި، މާލޭގެ އެކި ސަރަހައްދު ތަކުގައި މިހާރު ހުރި ގަސްތަކަކީ، ވަރަށް ބިޔަކޮށް ހެދޭ ގަސްތަކެއް ކަމުން، އެކަމުގެ އުނދަގޫ އެކި ގޮތްގޮތުން ރައްޔިތުންނަށް ކުރާ ކަމަށް ވެސް ބައެއް ކައުންސިލަރުން ވަނީ ފާހަގަ ކޮށްފަ އެވެ.
“މިހެން ދިމާވާން ޖެހެނީ ގަސްތައް ހެދިފައި ހުންނަ އިރު އެއް ފަޅީގައި ހުންނަނީ އިމާރާތައް އަދި ގަސްތައް ކޮށާއިރު އަބަދު ވެސް އެއްފަޅިން ކޮށަން މިޖެހެނީ އެހެންވިމާ ގަސް މި އޮންނަނީ އަރިއަޅާލައިފައި” އާޒިމް ވިދާޅުވި އެވެ.
މާލޭގައި ހުރި ގިނަ ގަސްތައް ދުވަސްވެފައިވުމުން ގަހުގެ ރީތިކަން ގެއްލިފައިވާކަމަށާއި ގަސްތަކުގެ މޫތައް ގެތަކަށް ވަދެ ފާހާނާ ހޮޅިތައް ބެދުމުގެ މައްސަލަ ދިމާވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މާލޭގައި ހެއްދޭ ގަސްތަކަކީ، މާލޭގެ މަގުތަކަށް އެކަށީގެންވާ ގަސްތަކެއްތޯ ބަލައި އެ މަޢުލޫމާތު ހޯދައިގެން ކުރިޔަށް ގެންގޮސްފިނަމަ ކުރިޔަށް އޮތް ތަނުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.