ނިމިގެން ދިޔަ ހަފްތާގައި އިސްރާއިލުން ގަތަރަށް ދިން ހަމަލާއަކީ އިސްލާމީ ހުރިހާ ގައުމުތަކަށް ދިން ހަމަލާއެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގަތަރުގައި ދިރިއުޅޭ ހަމާސްގެ ގޮތްޕަށް އަމާޒުކޮށްގެން ކަމަށް ބުނެ އިސްރާއިލުން ދިން ހަމަލާއާ ގުޅިގެން ގަތަރުގައި އަރަބި އިސްލާމީ ގައުމުތަކުގެ ސަމިޓެއް މިހާރު ދަނީ ކުރިއަށްދަމުން ނެވެ.
އެ ސަމިޓުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެލައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުންކަމަށާއި، އެއީ އަރަބި އަދި އެއީ އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއް ކަމަށެވެ.
އަދި އެ ހަމަލާއަކީ އިސްލާމީ އެންމެހާ ގައުމުތަކަށް އިސްރާއިލުން ދިން ހަމަލާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިސްރާއީލުން ގަތަރަށް ދިން އެ ހަމަލާއަކީ، ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކުރުމާއި، ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، އާންމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، އިސްރާއީލުން ހިންގާ ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުސަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަގުވާމީ ގާނޫނު ހިންގާންވާނީ، ހުރިހާ ދައުލަތެއްގެ މައްޗަށްވެސް، ހަމަހަމަ ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށް ވިދާޅުވެ، ގަތަރުގެ ސަރުކާރާއި އުހުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ރާއްޖެ ދެމިއޮންނާނޭ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރޭވިފައިވާ ސިޔާސީ، އިގުތިސާދީ، އަދި ހާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.