
ލީބިއާގެ ކުރީގެ ލީޑަރު، ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލައިފިއެވެ.
ލީބިއާގެ ފަވާސިލް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައިފުލް އިސްލާމް އަވަހާރަކޮށްލާފައި ވަނީ ވެރިރަށް ޓްރިޕޮލީއާ ގާތްގަނޑަކަށް 136 ކިލޯމީޓަރު ދުރުގައި އޮންނަ ޒިންތާންގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ބަޑިން ދިން ހަމަލާއަކުންނެވެ.
ސައިފުލް އިސްލާމްގެ ސިޔާސީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، މޫނު ނިވާކޮށްގެން ތިބި 4 މީހަކު ޒިންތާންގައި ހުންނަ އޭނާ ދިރިއުޅުއްވާ ގެއަށް ވަދެ އެ ހަމަލާ ދީފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. މަރާލުމުގެ ކުރިން ސައިފުލް އިސްލާމް އެމީހުންނާ ކުރިމަތިލެއްވި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެމީހުން ވަނީ އެގޭގައި ހުރި ސެކިއުރިޓީ ސިސްޓަމް ހަލާކޮށްލައި، ހެކި ނައްތާލަން ވެސް މަސައްކަތް ކޮށްފައެވެ.
2000 އިން 2011 އަށް ސައިފުލް އިސްލާމް ބެލެވިފައިވަނީ އޭނާގެ ބައްޕާފުޅު ގައްޒާފީގެ ފަހަތުން ލީބިއާގެ ދެވަނައަށް އެންމެ ބާރުގަދަ މީހާގެ ގޮތުގައެވެ. ހުޅަނގުގެ ގައުމުތަކުން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ސައިފުލް އިސްލާމް ފާހަގަކޮށްލެވެނީ ލީބިއާގެ ގާނޫނުއަސާސީއެއް އެކުލަވާލުމަށާއި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރެއްވި “އިސްލާހީ” ބޭފުޅެއްގެ ގޮތުގައެވެ.
އޭނާއަކީ ލީބިއާގެ ވެރިކަމަށް އައުމަށް އެންމެ ގާތް ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ލީޑަރެވެ. 2021 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާނުވެސް ކުރެއްވިއެވެ. ނަމަވެސް އެ އިންތިހާބުވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

