
ގައުމު ކުރިއަރުވަން ހުނަރުވެރިކަން ދަސްކުރަން ފުރުސަތުތަކުގެ ބޭނުން ހިފަން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
އެކަމަނާ އެފަދައިން ގޮވާލެއްވީ މޯލްޑިވްސް ޕޮލިޓެކްނިކުން އިންތިޒާމުކޮށްގެން މިއަދު ފެށި “ސްކިލްފެސްޓް” އޯޕަންޑޭ އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ސާޖިދާ މިއަދު ވިދާޅުވީ ގައުމެއް އާރާސްތުވެ ކުރިއަރާނީ ސިކުނޑިތަކާއި އަތްތައް ތަރައްގީވެ، ވިސްނުންތެރިކަމާއި އުފެއްދުންތައް މަތިވެރިވެގެންކަމަށެވެ.
އެހެންވެ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމަށް އަދު ހުޅުވާލެވިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް ސާޖިދާ ދިވެހި ހުރިހާ ޒުވާނުންނަށް ގޮވާލެއްވި އެވެ.
އެކަމަނާ އެފަދައިން ގޮވާލެއްްވި އިރު ޕޮލިޓެކްނިކްއިން މިހާރުވެސް ހުނަރުވެރިކަން ދަސްކޮސްދިނުމަށް އެތަކެއް ޕްރޮގްރާމެއް ދަނީ ހިންގަމުން ނެވެ. އަދި މަސައްކަތްތައް ދަސްކޮށްދިނުމަޑް ވޮކޭޝަނަލް ހައި ސްކޫލެއްވެސް ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުން ނެވެ.
ސާޖިދާ މިއަދު އިތުރަށް ވިދާޅުވީ އިންސާނާ ޚަލްގު ކުރައްވާފައިވަނީ އޭނާގެ ކިބައިގައި އެތައް ހުނަރެއް ހިމެނިގެންވާ ގޮތަށްކަމަށާ، ފަހުން ކުރަން ޖެހޭ ކަމަކީ، އެ ހުނަރުތައް ތަރައްގީކޮށް، ފެންވަރު މަތިކުރުން ކަމަށެވެ.
އަދި މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްކުރެވެން ހުރި މަސައްކަތްތަކާއި ތަރައްގީ ކުރެވެން ހުރި ހުނަރުތައް ދަސްކުރުމުގެ ފުރުސަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ފުރުސަތެއްކަން ފާހަގަ ކުރައްވައި އެކަމަނާ ވަނީ އުފާވެރި، އުފެއްދުންތެރި އަދި ގަދަރުވެރި ދިރިއުޅުމަކަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފަ އެވެ.
ރާއްޖޭގައި ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް، އެކި ނަންނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކުން، ފާއިތުވީ ބައި ގަރުނުގެ ތެރޭގައި ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން ސާޖިދާ ވަނީ، އެ ދާއިރާއަށް އެކިދުވަސްވަރު ހިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

