
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން ގދ. ގައްދޫ ސްކޫލުގައި ޖެހުނު މައްސަލަ ހައްލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލަ ޖެހުނީ، ވޯޓުލާ ބޫތު ހުރި ގޮތުން، ވޯޓުގެ ސައްހަކަން ގެއްލޭ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ މަންދޫބުން އަޑުގަދަކުރަން ފެށުމުންނެވެ. އެ މަންދޫބުން ވަނީ އިންތިހާބުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި، އެކަން ރަނގަޅު ކުރުމަށް ގޮވާލާފަ އެވެ.
އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވި ނަމަވެސް ފަހުން ފުލުހުން ވަނީ އެމީހުން އެތަނުން ދުރުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ ގައްދޫ ސްކޫލުގައި ވޯޓުލުން ކުރިއަށް ދަނިކޮށް، ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި، ފާހަގަ ޖަހާއިރު ވޯޓުގެ ސިއްރުކަން ނުހިފޭ ކަމަށް ބުނެ، ބަޔަކު އެތަނަށް ވަދެ ބޫތު ބަދަލުކުރަން އުޅުނު ކަމަށެވެ.
ނަމަވެސް އެ ހަމަނުޖެހުން ކޮންޓްރޯލްކޮށް، އެތަން އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގައްދޫގައި ހަމަނުޖެހުން ހިންގިއިރު، ހުރިހާ ވޯޓުލާ މަރުކަޒެއްގެ ބޫތުވެސް ހުރީ ވަންނަ ދޮރާ ދިމާލަށެވެ. ވޯޓުލާން ހުންނައިރު މީހާ ހުންނަނީ އެތަނުގައި ތިބޭ މީހުންނަށް ފުރަގަސްވާ ގޮތަށެވެ.
އެނޫނީ މިއަދު ވޯޓުލުމުގެ ތެރެއިން އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

