އެހެން ރަށްރަށުން ލ.ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ވަރަށް އަވަހަށް އެ ފައިސާ ޚަލާޞްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ލ. ގަމު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ލ. ގަމަކީ އެހެން ރަށްރަށުން މީހުން އެރަށަށް ބަދަލުވެ، ދިރިއުޅެމުންދާ ރަށަކަށްވާއިރު އަދުލުވެރިކަމުގެ ތެރެއިން އިންސާފުވެރިކަން ގާއިމްނުވެ ހުރި ކަންތައްތަކެއް ހުރި ރަށެއްކަމަށެވެ. މީހުން ބަދަލުކުރާއިރު ސަރުކާރުގެ އަބަދުގެވެސް ސިޔާސަތަކީ ބަދަލުގެ ފައިސާއެއްގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ހަވާލުކުރުންކަމަށެވެ.
އެއިރު އޮންނަނީ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުންކަމަށް ރައީސް ވިދާޅުވިއެވެ. ރިޔާސީ ކެންޕެއިންގެ ތެރޭގައި ރައްޔިތުން އެ ކަންބޮޑުވުން ހިއްސާކުރުމުން އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް މި ފައިސާ އެ ފަރާތްތަކަށް ދީ ހަލާސްކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
“169 ފަރާތެއް މި ފައިސާ ލިބެންޖެހޭކަން އަޅުގަނޑުމެންނަށް ރަސްމީކޮށް މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައި އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިޔަން ރުފިޔާ 50،000 ރުފިޔާގެ ރޭޓުން. އެ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފައި. ދެން ފިނޭންސް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީގެ ޓީމެއް މިރަށަށް ދާދި އަވަހަށް އަންނާނެ. އައިސް ލިބޭ ފަރާތްތަކާއި ބައްދަލުކޮށް އެ ފަރާތްތަކާއި ތަފްސީލްތައް އިތުރަށް އޮޅުންފިލުވާ އެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހޯދައި ސީދާ އެ އެކައުންޓަށް ޖަމާކުރުމަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ.” ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ އަލަށް ސޮއިކުރި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢާއި، މިހާރު ހިނގަމުންދާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢާއި، 100 ހައުސިންގ ޔުނިޓުގެ އިތުރު މަޝްރޫޢެއް ހިމެނޭގޮތަށް ގަމުގައި ޖުމުލަ 300 ހައުސިންގ ޔުނިޓު ޤާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނޭކަމަށެވެ.
މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ އެއް ރަށަށް ލ. ގަން ވާނޭކަމުގައި ވިދާޅުވެފައެވެ.