
ލ.ގަން ތުނޑި، އިންޖީނުގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގެ ރިޕޯޓް މިއަދު 15:01 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 16:26 ހާއިރުކަމަށާއި އަލިފާން ނިއްވާލުމަށް ކައްދޫ އެއާޕޯޓުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުންގެ ފަރާތުން އެހީތެރިކަން ލިބުނުކަމަށް ދިފާއީ ބާރުން ބުނެފައިވެއެވެ. އަދި މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
މުޅި ގަމުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި ކަރަންޓު އަލުން ދޫކުރެވޭނެ އިރެއް ނޭންގޭކަމަށް ގަމު ކައުންސިލުން މަޢުލޫމާތުދެއެވެ.

