
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް ކަނޑައަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުޞަތު ދުރާލާ ދިނުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މި ޑިސެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ސާފުކުރާ ކުށާއި ދަރަނީގެ ރެކޯޑު ކޮމިޝަނުން ބަލައިގަންނާނެކަމަށް އީސީން ބުނެއެވެ.
މީގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުޞަތު ކުރިން ދިން ނަމަވެސް، ރިކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށް އީސީން މަޢުލޫމާތުދެއެވެ.
ކުށާއި ދަރަނީގެ ރެކޯޑު ފޯމުތަކުގެ ތަފްޞީލު:
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެކޯޑްސް ޕޯޓަލްއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބޭނުމަށް، އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު.
• މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
• މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ޙުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރެކޯޑު.
މި އިންތިޚާބުގައި ޢަމަލުކުރާނީ، ޤާނޫނުތަކަށް ގެނައި އިޞްލާޙުތަކަކާ ގުޅިގެން 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުން, 2000 މީހުންނަށްވުރެ އާބާދީ ބޮޑު ރަށެއްނަމަ 5 ކައުންސިލަރުންނެވެ. އަދި އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެއެވެ.

