
ބީއެމްއެލް އިން ހުރިހާ ލޯނުތަކެއް ވެސް ދޫކުރަނީ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ބީއެމްއެލް އިން ދީފި އެވެ.
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން މި ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ބީއެމްއެލްއިން ބުނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކުގައެވެ.
“މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެއެވެ. ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތަކެވެ. އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމް.އެމް.އޭ އިން ކަނޑަ އަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑް ތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑަރޑްތަކަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފަރމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުންނެވެ. އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވެއެވެ.،” ބީއެމްއެލްއިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ މި ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާއި އެއްގޮތަށް ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ. މިގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެގޮތަށް ދޫކުރާ ލޯނުތަކެކެވެ. އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރ އަށްވެސް ބަލާނެ އެވެ.
” ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލައެވެ. އަދި ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށެވެ. މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެއެވެ. ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ އެވެ،” ބީއެމްއެލްއިން ބުނެފައިވެ އެވެ.
ބީއެމްއެލްއިން ބުނީ މީގެ އިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނެ އެވެ.
ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯވެއެވެ. އެކަން މިހާރު ހިނގަމުން ދަނީވެސް އަދި ކުރިޔަށް އޮތްތާގައި ހިނގަމުންދާނީވެސް ކުރިން ބަޔާންކުރި ފަދައިން ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންނެވެ.

