
މޯލްޑިވްސް ޕޯޓް ލިމިޓެޑް ބަނދަރު ސަރަހައްދާ ދިމާލުގައި އޮތް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދިޔަ އެވެ. އޭގެ ތެރެއިން ބަންގްލަދޭޝަށް ނިސްބަތްވާ، މައުސޫދު ހޮސައިން 32، އިއްޔެ ވަނީ ނިޔާވެފަ އެވެ.
އަދި ބޮޑެތި އަނިޔާތަކެއް ލިބުނު އެމްޕީއެލް މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ 25، އަށް ފަރުވާ ދެމުން ދަނިކޮށް، ހާލު ސީރިއަސްވެގެން ރޭ ދަންވަރު ވަނީ ނިޔާވެފަ އެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު 14 މީހުން އޭގައި ތިއްބެވެ. އެ އެންމެން ވެސް ހޯދާފައިވެ އެވެ.
އިއްޔެ 15:44 ހާއިރު އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައި ވަނީ އެ އުޅަަނދަށް ހައިމާކުތަކެއް އަރުވަނިކޮށް ބެލެންސް ގެއްލިގެންނެވެ.

