
ހިޔާ ފްލެޓްގެ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބިފައި ވަނިކޮށް އެމްޑީޕީގެ ސަރުކާރުން ފްލެޓް ލިސްޓަށް ގެނައި ބަދަލުތަކުގެ ތެރެއިން ފްލެޓް ނުލިބުނު ފަރާތްތަކަށް އެއްވެސް ޝަރުތެއް ނެތި ފްލެޓް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ، ހެންވެއިރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސުކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ފަދަ ފަރާތްތަކަށް ، ކަނޑައެޅޭ ވަކި ޢަދަދެއް ، އެންމެ އަވަހަށް ފަށާ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ދެއްވާނެކަމަށެވެ. އަދި އެ ފަދަ ފަރާތްތަކުން ފްލެޓަށް ކުރިމަތިލައްވާ އިރު އިތުރު ލިޔުންތަކެއް ހުށަހަޅުއްވަން ނުޖެހޭނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
“އެއްފަހަރާ އެންމެނަށް ލިބޭގޮތަށް އެއް ޕްރޮޖެކްޓަކުން ފްލެޓުތަކެއް ނުއެއް އެޅޭނެ. ފުރަތަމަ ފަށާ ޕްރޮޖެކްޓުން ވަކި ވަރެއް ކަނޑައަޅައިފައި މިވަނީ ފްލެޓު އަތުލި ފަރާތްތަކަށް ދިނުމަށް. އެކަން ކުރިއަށް އެބައޮތް. އެކި ކެޓަގަރީތަކުން” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ދަށުންނާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނާއި އެހެނިހެން ފައިނޭންސް ސްކީމްތަކުގެ ދަށުން ތަރައްޤީކުރާ 7500 ފްލެޓްގެ ތެރެއިން އެ ފަރާތްތަކަށް ފްލެޓް ލިބިގެންދާނެ ކަމަށެވެ.
ރޭ އޮތް ބައްދަލުވުމުގައި ގިނަ ފަރާތްތަކަކުން ވަނީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ރައީސްއާ ސުވާލުކޮށްފައެވެ. ހިޔާ މަޝްރޫޢުން ފްލެޓް ލިބިފައި ވަނިކޮށް ، އެމްޑީޕީއަށް ސޮއި ނުކޮށްގެން ފްލެޓް ކެންސަލްކުރި ކަމަށް ވެސް އެކަކު ބުންޏެވެ.

