
މެދުކެނޑުމަކަށްފަހު އޮލިމްޕަސް ސިނަމާގައި އަލުން ދައްކަން ފެށި ދިވެހި ފިލްމު “ލިލީ” ގެ 14 ވަނަ ޝޯވވެސް ހައުސްފުލްވެއްޖެ އެވެ.
ނޮވެމްބަރު 20 ގައި ރިލީޒްކުރި މި ފިލްމު ދެއްކުން މެދުކަނޑައިލުމަށްފަހު އަލުން ދައްކަން ފެށީ އިއްޔެ ރޭގަ އެވެ. ރޭގެ ޝޯވ ހައުސްފުލް ވެފައިވާއިރު ކުރިއަށް އޮތް ތިން ޝޯވގެ ޓިކެޓު މިހާރު ދަނީ ވިއްކަމުންނެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ “ލިލީ” އަލުން ރިލީޒްކުރީ އާ ސީންތަކެއް ހިމަނައިގެންނެވެ.
މި ފިލްމު ބެލި ގިނަ މީހުންނަށް އެންމެ ކަމުދިޔައީ އަނިޔާ ލިބެމުން އަންނަ ކުއްޖާގެ ވާހަކަ ގެނަސްދީފައިވާ ގޮތެވެ. އަދި ހުތުރު ބަހުރުވަ ބޭނުން ކުރުމެއް ނެތި ވާހަކަ ކިޔައިދީފައިވާކަން ގިނަ ބެލުންތެރިން ފާހަގަކުރި އެވެ. މީގެ އިތުރުން ފިލްމުގައި ސަސްޕެންސް ހިފެހެއްޓިފައިވާލެއް މޮޅުކަމުން ޝައުގުވެރިކަމާއިއެކު ފިލްމު ނިމެންދެން ބަލަން އިނދެވޭކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ.
މުހައްމަދު އަރީޙް ޕްރޮޑިއުސްކޮށް އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ “ލިލީ” ގެ ޓިކެޓު އޮލިމްޕަސް ކައުންޓަރުންނާއި ވެބްސައިޓު މެދުވެރިކޮށް އަދި ވައިބާ މެދުވެރިކޮށްވެސް ގަނެވޭނެ އެވެ. މި ފިލްމުން މިފަހަރު ދޫކުރަނީ އީ- ޓިކެޓެވެ. މިއީ ދިވެހި ފިލްމެއްގައި އީޓިކެޓު ވިއްކާ ފުރަތަމަ ފަހަރެވެ. މީގެ ބޭނުމަކީ ކުނި އުފެދޭ ކަރުދާސް މަދު ކުރުމެވެ.
ލިލީގެ ހައުސްފުލް ޝޯވތަކެއް އަތޮޅު ތެރޭގައިވެސް ދަނީ ދައްކަމުންނެވެ. މި ފިލްމު އަޅުވަން ބޭނުންވާ ރަށްތަކާއި ރިސޯޓުތަކުން އެ ފިލްމުގެ ހޮޓްލައިން 7505079 އަށް ވައިބާ ކުރުމަށް ނުވަތަ ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް ވަނީ އިއުލާން ކޮށްފަ އެވެ.

