
މިފަހުން އޮލިންޕަހުގައި އެންމެ ހިނގި އެއް ފިލްމު ކަމަށްވާ، ލިލީ، އިތުރު ސީންތަކާއެކު އެނބުރި ސިނަމާއަށް އަތުވެއްޖެއެވެ.
ލިލީ ޓީމުން ބުނީ މިފަހަރު ސިނަމާގައި އަޅުވަނީ ޑިރެކްޓާސް ކަޓެއް ކަމަށާއި ކުރިން ނުފެންނަ ބައެއް ސީންތައް މިފަހަރު ފެނިގެންދާނެއެވެ.
ނޮވެންބަރު މަހު 20 ވަނަ ދުވަހު ރިލީޒްކުރި ލިލީގެ ހުރިހާ ޝޯތަކެއް ވެސް ފުލްކޮށް ދެއްކިއިރު، ހަފްތާ ބަންދުގައި ދަންވަރު އަދި މެންދުރު ވެސް ލިލީގެ ޝޯތައް ވަނީ އަޅުވާފައެވެ. އޭރު އޮލިންޕަހުން ޖާގަ ނުލިބިގެން ފިލްމު ނެގިއިރު، މަމަހު 21 އިން ފެށިގެން 24، އަށް ލިލީގެ ޝޯތައް ދެއްކުމަށް ވަނީ މިހާރު ހުޅުވާފައެވެ.
ލިލީގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com އިން މިހާރު ހަތަރު ޝޯއެއްގެ ޓިކެޓު ބުކް ކުރަން ވަނީ ހުޅުވާލައިފަ އެވެ. ވެބްސައިޓުގެ އިތުރުން ފިލްމުގެ ހޮޓްލައިން 7505079 އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ.
އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ “ލިލީ” އަކީ މައިވަންތަކަމުގެ ލޯބިން މަހުރޫމު ވެފައިވާ އަންހެން ކުއްޖަކު ހެދިބޮޑުވަމުން އަންނައިރު ލިބޭ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ އިތުރުން ފިލްމުގައި ވަނީ ދިވެހި މުޖުތަމައުގައި އާންމުކޮށް ހިނގާ ބައެއް ކުށްތަކުގެ މައްޗަށްވެސް އަލިއަޅުވާލައިފަ އެވެ.
މުހައްމަދު އަރީޙް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މުހިންމު ތަރިންގެ ތެރޭގައި އަހުމަދު ނިމާލް، އަލީ ފާރޫގުގެ އިތުރުން މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. މީގެ އިތުރުން އައިޝަތު އާރިފާ، ހަދީޖާ އަބްދުއް ރަހުމާން އަދި ކުޑަ ކުއްޖެއްގެ ރޯލުން އެލީޝާ ސަނީމްވެސް ފެނެ އެވެ.

