ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މި ފަހުން ގެނައި ބަދަލުތަކަކީ ގުޑް ގަވަނަންސް ނުވަތަ ހެޔޮ ވެރިކަމުގެ އުސޫލުތަކެއް ހިމެނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ ދަރަވަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުގެ ފަރާތުން ފެންނަނީ ފެންނަން ނުޖެހޭ ސިފަތަކެއް ކަމަށެވެ.
އެހެންވެ ލާމަރުކަޒީ ގާނޫނަށް ކައުންސިލްތައް ޖަވާބުދާރީކުރެވޭނެ އުސޫލުތަކެއް ހިމަނަން ޖެހުނީ އެހެންވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ގޮތުން 10 މިލިއަން ރުފިޔާއަށް ވުރެ ދަށް އަގު ހިމެނޭ މުދަލަކުން ވިޔަފާރިކުރުން މަނާކުރީ ބައެއް ކައުންސިލްތަކުގައި ރަށުގައި އާންމު ރައްޔިތުން ކުރާ އާދައިގެ ވިޔަފާރިކުރާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އަސާސީ ހިދުމަތްތަކަށް ދޫކުރާ ބިމުން ކުލި ނެގުން ހުއްޓުވީ ވެސް ހެޔޮ އަގުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ދަތިވާތީ ކަމަށެވެ.
“މިއީ ރައްޔިތުންނަށް ޓަކައި. ގުޑް ގަވަނަންސްގެ އުސޫލުތަކެއް، ޗެކް އެންޑް ބެލެންސްއެއް ގެންނަން ވެގެން ގެނައި ބަދަލުތަކެއް,” ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކޮށް އަދި ރައީސް ތަސްދީގު ނުކުރައްވާ އެ ބިލާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލްގެ ފަހު އަހަރު، މާސްޓާ ޕްލޭންގައި ނުހިމެނޭ މަޝްރޫއުތަކެއް ފަށައި ކޮންޓްރެކްޓަށް މުވައްޒަފުން ނެގުން ފަދަ ސިޔާސީ ބޭނުމަށް ވެސް އެކި ކަންކަން ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު ގެނައި ބަދަލުން ވެސް އެއިން ކަމެއް މުޅިން މަނާ ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން، ރައްޔިތުންގެ ފައިދާއަށް ކޮންމެހެން ކުރަން ޖެހޭ ކަންކަމަށް ހުއްދަ ދެއްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.