
އަވަށްޓެރި ސްރީލަންކާއަށް މިދިޔަ ހަފްތާ އެރި ބާރު ގަދަ ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އުޅުނު ހެލިކޮޕްޓަރެއް ވެއްޓި، އޭގެ ޕައިލެޓް މަރުވެއްޖެ އެވެ.
އެއާފޯސް ބެލް 212 ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ހަވީރު ލަންކާގެ ވެނާޕޫވާގައި ރެސްކިއު މަސައްކަތުގައި އުޅެނިކޮށެވެ. ވެއްޓުނުއިރު ހެލިކޮޕްޓަރު ދުއްވަން އިން އިލެޓް ވިންގް ކޮމާންޑަރު، ނިރްމަލް ސިޔާމްބަލަފިޓްވާ މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެލިކޮޕްޓަރުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ، ޕައިލެޓް އުޅުނީ އެމަޖެންސީގައި ޖައްސާށެވެ. ނަމަވެސް ޖެއްސުމުގެ ކުރިން ވެއްޓުނީ އެވެ.
ހެލިކޮޕްޓަރު ވެއްޓުނުއިރު އޭގައި ޕައިލެޓާއެކު ފަސް މީހަކު ތިއްބެވެ. އެހެން ރެސްކިއު ޓީމަކުން ވަނީ ވަގުތުން އެމީހުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެ ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށް ލަންކާގެ އެއާފޯސް އިން މިހާރު ވަނީ ތަހުގީގެއް ފަށައިފަ އެވެ.
ދިތުވާ ތޫފާނުގައި ލަންކާގެ އެކި ހިސާބުތައް އެއްކޮށް ހަލާކުކޮށްލާފައިވާއިރު، މިހާތަނަށް 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި 400 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، 147،000 މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. ގާތްގަނޑަކަށް 25،000 އަށްވުރެ ގިނަ ގެދޮރު ވަނީ ހަލާކުވެފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި މި ސަރަހައްދުގައި ހިނގި އެންމެ ބޮޑު ގުދުރަތީ ހާދިސާ އެވެ.

