
އަވަށްޓެރި ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
ލަންކާގެ 78ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ސާބިތު އަޒުމު ގާއިމްވެފައި އޮތުމަށް އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވަނީ ލަންކާގެ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާއަށް ވެސް ތަހުނިޔާގެ ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ސިޓީތަކުގައި ރައީސް ވިދާޅުވެފައި ވަނީ މިއަހަރުގެ މިނިވަން ދުވަސް ލަންކާއާ ބައްދަލުވެފައިމިވަނީ، އެގައުމުގެ އިގުތިސޯދު އިތުރަށް ހަރުދަނާވުމުގައްޔާއި، އެގައުމުގައި އިޖުތިމާއި ހަމަޖެހުން ގާއިމްކުރުމުގައްޔާއި، ގައުމީ ކުރިއެރުމުގައި ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.
އަދި ދެ ގައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކުމުގެ ތާރީހުން ބާރުދޭ، ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

