ތ. ގުރައިދޫގައި ތަރައްގީކުރަން ހަމަޖެހިފައިވާ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން ފަށައިފި އެވެ.
އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ގުރައިދޫގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތާ އެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން:
- 13.8 ހެކްޓަރުގެ ބިން ހިއްކާނެ
- 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރިވެޓްމަންޓް ޖަހާނެ
- 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖަހާނެ
މި މަޝްރޫއަކީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ ގުރައިދޫގައި އެއާޕޯޓެއް ހުޅުވިގެން ދިއުމުން މުޅި ތ. އަތޮޅަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
އެ އާއެކު ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެ، އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.