ތޯއިފް ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑަށް އުމްރާ ދަތުރު ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި ގްރޫޕުގެ ފުރަތަމަ ދަތުރު އަންނަ ޑިސެމްބަރު މަހު އޮންނާނެ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
ތޯއިފް އުމްރާ ގްރޫޕަކީ ޝައިހް އަލީ ޒައިދާއި ޝައިހް މުހައްމަދު އިރުޝާދާއި އަލްގާރީ އަަބްދުއްރަހްމާން ޔޫނުސް އަދި ހަސަން ހަމީދު އިސްވެ ތިއްބަވާ އުފެއްދެވި ގްރޫޕެކެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ އެ ގްރޫޕަށް ދޫކޮށްފަ އެވެ.
އުމްރާއަށް ކުރާ ފުރަތަމަ ދަތުރު އަންނަ ޑިސެމްބަރު މަހަށް ވަނީ ތާވަލުކޮށްފަ އެވެ. ސްކޫލް ބޮޑު ޗުއްޓީ އާ ދިމާވާ ގޮތަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުން ޖާގަ ހޯދުމަށް މިހާރުން ފެށިގެން ނޯޓު ކުރެވޭނެ އެވެ.
ތޯއިފް އުމްރާ ގްރޫޕުގެ ޕެކޭޖުގައި ދެކޮޅު ޓިކެޓާއި މައްކާ މަދީނާ ޒިޔާރަތާއި ތިން އުމްރާވުން ހިމެނެ އެވެ. ގްރޫޕުން ހޮޓާ ހަމަޖައްސާނީ ހަރަމްފުޅުގެ ކައިރިންނެވެ. އުމްރާވެރިންނަށް ދިވެހި ކެއުން ލިބޭނެ އެވެ. ދަތުރުގެ ތެރެއިން ދީނީ ތަރުބަވީ ދަރުސްތައް ކުރިއަށް ގެންދާނެ އެވެ. ކޮންމެ އުމްރާވެރިއަކަށް އުމްރާ ކިޓެއް ލިބޭއިރު، އޭގެ ތެރޭގައި އިހްރާމާއި ދުއާ ފޮތާއި ފައިވާން ކޮތަޅެއް ހިމެނެ އެވެ. އޭގެ އިތުރުން ފަސް ލީޓަރުގެ ޒަމްޒަމް ފުޅިއެއް ދޭނެ އެވެ.
އިތުރު ކުރެވިދާނެ ހިދުމަތްތަކުގެ ތެރޭގައި ތާއިފާއި ޖިއްދާ އަދި މައްކާ ބާޒާރު ދަތުރު ހިމެނެ އެވެ. އަދި އިތުރު އުމްރާ ދަތުރެއް ކުރެވިދާނެ އެވެ. އެއާ އެކު އަގީގާއަށް ނުވަތަ ސަދަގާތަށް ބަކަރި ކަތިލަން ބޭނުންވާ ފަރާތްތަކަށް އެ ފުުރުސަތު ވެސް ފަހިކޮށްދޭނެ އެވެ.
ޑިސެމްބަރު މަހު އުމްރާއަށް އެ ގްރޫޕުން ކަނޑައަޅާފައިވާ ޕެކޭޖުގެ އަގަކީ 28،900 ރުފިޔާ އެވެ. އަންނަ ޖުލައި މަހުގެ ކުރިން ފައިސާ ދައްކާ ނަމަ 28،000 ރުފިޔާއަށް އަގު ކުޑަވެ އެވެ. ގްރޫޕުން އުމްރާއަށްދާ 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޑިސްކައުންޓެއް ދޭނެ އެވެ.
ތޯއިފް ގްރޫޕުން އުމްރާގެ އަޅުކަމަށް ދިއުމަށް އެދޭ ފަރާތްތަކުން 7333800، 9938387 އަދި 7788657 އަށް ގުޅުމަށް އެ ގްރޫޕުން އެދެ އެވެ.
“އަޅުގަނޑުމެންގެ އުންމީދަކީ އުމްރާގެ ކަންތައްތައް ވީހާވެސް އޮމާންކޮށް، ރަނގަޅު ހިދުމަތެއް އުމްރާވެރިންނަށް. ވާހަކައަކީ ހުރިހާ ކަމެއް ފަސޭހަކަމާ އެކީގައި އިތުބާރާއި ޔަގީންކަމާ އެކުގައި މިކަން ކޮށްދިނުން،” ޒައިދު ވިދާޅުވި އެވެ.
ގްރޫޕުން އުމްރާގެ ދަތުރުތައް ފަށަނީ އެ މަގުސަދުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.