ހުޅުމާލޭގައި އަލަށް ގާއިމްކުރި ތެލެސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވީސް (އެމްބީއެސް) މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ހިންގުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތެލެސީމިއާ ސެންޓަރުން ދެމުން އަންނަ ހިދުމަތްތަކާ ގުޅިގެން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވަނީ އެ ސެންޓަރަށާ އަދި އެ ސެންޓަރު ބަދަލުކުުރުމުގެ މަސައްކަތްތައް ކުރަމުން ދިޔަ އޮރެންޖް ހިޔާއަށް މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ޒިޔާރަތްކުރައްވާފަ އެވެ.
އެފަހުން މާޗް މަހުގެ 27 ވަނަ ދުވަހު އެމަނިކުފާނު ވަނީ އޮރެންޖް ހިޔާގައި ހަދަމުން ދިޔަ ތެލެސީމިއާ ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސިފައިންނާ ހަވާލުކޮށްފައިވާކަން ހާމަކުރައްވާފަ އެވެ.
ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ ބިލްޑިންއަށް އެ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީ އާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ “ރައްޔިތުންނާ އެކު” ގެ މިއަދުގެ ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ މާލެ ސިޓީސް އޮޕް ގްރޫޕުގެ ދަށުން ސެންޓަރު ހިންގާ ގޮތަށް ނިންމެވީ ތެލެސީމިއާ ޕޭޝަންޓުންނަށް ދޭ ހިދުމަތް މިހާރަށްވުރެ ރަނގަޅު ކުރުމަށް ކަމަށެވެ.
”މާލެ ގްރޫޕްސް އޮފް ހޮސްޕިޓަލްގެ ދަށަށް މިތަން [ތެލެސީމިއާ ސެންޓަރު] ބަދަލުވީމަ، ވަރަށް ގިނަ ފައިދާތަކެއް އެބަކުރޭ ކުދިންނަށްވެސް [ތެލެސީމިއާ] އަދި ހިދުމަތްދޭ ފަރާތްތަކަށްވެސް ހިދުމަތް ދިނުމުގައިވެސް ކުރިއެރުންތަކެއް އެބަ ލިބޭ…. ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި އެންމެ މާލެ ގްރޫޕު އޮފް ހޮސްޕިޓަލުން އެކީގައި ހަވާލުވާނެ” ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް ވަސީލަތްތައް އިތުރުކުރުމަށް ބަޖެޓު ހަމަޖައްސައި ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. ނަރުހުން ހިމެނޭހެން މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ތެލެސީމިއާ ސެންޓަރު މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު، އެތަން މިހާރު ހިންގަމުން ދަނީ ހެލްތް މިނިސްޓްރީގައި ހާއްސަކޮށްފައިވާ ޑިޕާޓްމެންޓަކުންނެވެ.