ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފި އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ.
އެނގިފައިވާ ގޮތުން މަނަވަރު އިފްތިތާހުކުރަން ރަސްމިއްޔާތެއް ވެސް ބާއްވާނެ އެވެ.
އެ މަނަވަރު އެކްޓިވޭޓް ކޮށްދޭނީ ތުރުކީގެ ނޭވީ ޓީމުންނެވެ.
ތުރުކީން މަނަވަރެއް ހަދިޔާ ކުރުމަށް ނިންމީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓުގާޑު ދެގުނަކޮށް، ގާބިލުކަން އިތުރު ކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ރަހުމަތްތެރި ގައުމުތަކާ އެކު ބަދަހިކުރަމުން ގެންދާ ގުޅުންތަކުގެ ނަތީޖާއެެއްގެ ގޮތުން ކަމަށް ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މަނަވަރު ރާއްޖެ ގެނެސް ގައުމީ ދިފާއީ ބާރުގެ ހިދުމަތަށް ނެރެ، ދިވެހި ސިފައިން އުޅަނދު އޮޕަރޭޓްކުރަން ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ސިފައިން ތަމްރީނު ވަމުންދާ ކަމުގަ އެވެ.
މަނަވަރު ސިފައިންގެ ހިދުމަތަށް ތައާރަފު ކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.