ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އާ މުއާމަލާތް ކުރެއްވި ކަމަށް ބުނާ ވާހަކަ ކުރީގެ ރައީސް މުހަައްމަދު ނަޝީދު ދޮގުކުރައްވައިފި އެވެ.
ނަޝީދު އެކަން ދޮގުކުރައްވާފައި ވަނީ “ރާއްޖެއެމްވީ” ގައި އިއްޔެ ޝާއިއުކުރި “އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި” ހަބަރާ ގުޅިގެން އެމަނިކުފާނުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލަ އާ ހަވާލާދީ އެ ހަބަރުގައި ވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ކަމަށެވެ. އެގޮތަށް ނިންމަވާ އެކަން އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން ނަޝީދު އާ އެ ވާހަކަ ހިއްސާކުރެއްވި ކަމަށެވެ.
އެ ނިންމުން ބަދަލުކޮށް މައްސަލަ ކޯޓަށް ބަލައިގަންނަން ޖެހޭނެ ކަމަށް ނަޝީދު އުއްތަމަ ފަނޑިޔާރަށް ދެންނެވި ކަމަށް ހަބަރުގައިވެ އެވެ. ނަން ހާމަނުކުރަން ޝަރުތުކޮށް މައުލޫމާތުދިން މީހަކާ ހަވާލާދީ އެ ހަބަރުގައި ބުނެފައިވާ ގޮތުގައި “މުއުތަސިމް ފޯނުން ރައީސް ނަޝީދު އާ ގުޅުއްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އުއްތަމަ ފަނޑިޔާރަށް ގުޅުއްވާ ވަނީ ބިރު ދައްކަވާފައި،” ކަމުގަ އެވެ.
ނަޝީދުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
“އަލިފުން ޔާޔަށް އޭގައި އެހެރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު،” ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ނަޝީދު ވިދާޅުވީ މުއުތަސިމަކީ ނަޒާހަތްތެރިކަމާ މެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއްކަމާ މެދު ޝައްކެއް ވެސް ނެތް ކަމަށެވެ.
“އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ ވެސް މި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ،” ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ބަޔާން ހިއްސާކުރައްވައި ރޭ “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވަނީ “މި ބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ ފެތުރުން ހުއްޓާލަން” ގޮވާލައްވާފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ޖޭއެސްސީން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑްކޮށްފައި ވަނިކޮށް ހުސްނުއްސުއޫދު މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވި އެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ވަނީ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކުރިއަށް ގެންދިޔަ މައްސަލައިގެ ޝަރީއަތް ވަނީ މެދުކެނޑިފަ އެވެ.