މި އަހަރުގެ މިހާތަނަށް ތިން ގައުމަކުން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،021،280 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 932،396 ޓޫރިސްޓުންނެވެ.
އަހަރުގެ ފުރަތަމަ ފަސް މަހު ޓޫރިސްޓުން އައި އަދަދުތައް:
- ޖެނުއަރީ – 214،863 ޓޫރިސްޓުން
- ފެބްރުއަރީ – 214،091 ޓޫރިސްޓުން
- މާޗް – 203،468 ޓޫރިސްޓުން
- އެޕްރީލް – 198،322 ޓޫރިސްޓުން
- މެއި – 135،614 ޓޫރިސްޓުން
މި މަހުގެ ފުރަތަމަ 11 ދުވަހު 54،922 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 40،153 ޓޫރިސްޓުންނެވެ. އަހަރުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6،304 ޓޫރިސްޓުން އާދެ އެވެ.
އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ގައުމުތަކަކީ:
- ޗައިނާ – 122،741 ޓޫރިސްޓުން (12 އިންސައްތަ)
- ރަޝިއާ – 113،741 ޓޫރިސްޓުން (11.1 އިންސައްތަ)
- އިނގިރޭސިވިލާތް – 102،387 ޓޫރިސްޓުން (10 އިންސައްތަ)
- އިޓަލީ – 83،318 ޓޫރިސްޓުން (8.2 އިންސައްތަ)
- ޖަރުމަނުވިލާތް – 78،140 ޓޫރިސްޓުން (7.7 އިންސައްތަ)
އެ ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާއިންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރި 72 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އެއީ 734،970 ޓޫރިސްޓުންނެވެ. ގެސްޓް ހައުސްތަކުގައި 22.8 އިންސައްތަ އަދި ހޮޓާތަކުގައި 2.8 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރި އެވެ. ސަފާރީތަކުގައި ޗުއްޓީ ހޭދަކުރީ 2.4 އިންސައްތަ ޓޫރިސްޓުންނެވެ.
ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 1،211 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 183 ރިސޯޓާއި 16 ހޮޓަލާއި 159 ސަފާރީ އަދި 853 ގެސްޓް ހައުސް ހިމެނެ އެވެ. އެ ތަންތަނުން ޖުމްލަ 65،115 އެނދު އޮޕަރޭޓްކުރެ އެވެ.