
ތިނަދޫ ސިޓީގެ ރަށްވެހިކަމުން އުނިވާ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 5،000 ރުފިޔާއަށް ބަދަލުކުރުމަށް، ތިނަދޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން މި ނިންމުން ނިންމައިފައި ވަނީ އެ ސިޓީގެ އާބާދީ ހިފެހެއްޓުމުގެ މަގްސަދުގައެވެ.
ތިނަދޫ ކައުންސިލުން ބުނީ ސިޓީގެ ރަށްވެހިކަމުން އުނިވާ ފަރާތްތަކުގެ އަތުން 5،000ރ.ގެ ފީއެއް ނެގުމަށް ކައުންސިލުން ކުރިން ފާސްކޮށްފައިވީ ނަމަވެސް، އެ ނިންމުމާ ގުޅޭ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ފީ ނަގަމުންދާތީ، އެކަން އިސްލާހުކޮށް އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ ކައުންސިލަށް އެންގި ކަމަށެވެ.
އެ އެންގުމާ އެއްގޮތަށް 5،000ރ. ފީ ނެގުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު، ފީ ނެގުމާ ގުޅޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދައިފައިވާ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ. މިގޮތުން، އޮގަސްޓް 10 ވަނަ ދުވަހުގެ 10:00 ގައި ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި، ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ ޢަދަދުތަކުގެ ގޮތުގައި 0 އިން ފެށިގެން 5000ރ. ދެމެދު ފީ ހިމެނޭ ގޮތަށް އިހްތިޔާރު ދެވިފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލަށް މި މައްސަލަ ހުށަހެޅުނު ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނި ގޮތުގައި، ބައްދަލުވުމުގައި ބައިވެރިވި މެޖޯރިޓީ ރައްޔިތުން 5،000ރ. ފީއެއް ނެގުމަށް ފެންނަ ކަމަށް ހިޔާލު ދީފައިވެއެވެ. އެހެންކަމުން، ރައްޔިތުންގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިން، ތިނަދޫ ސިޓީގެ ރަށްވެހިކަމުން ވަކިވާން އެދޭ ފަރާތްތަކުން އިދާރީ ހިދުމަތުގެ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ނެގުމަށް ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ފާސްކުރީކަމަށް ކައުންސިލުން ބުނެއެވެ.

