މާތް ﷲ ގެ ހަޟުރަތުގައި މަތިވެރި ދަރަޖަ އެދޭ ނަމަ އަދި މީހުންގެ މެދުގައި ގަދަރުވެރި މީހަކަށް ވާން އެދޭ މީހާ ތަވާޟުއުވެރިވެ، ރިވެތި އަހްލާގުގައި ހިފަހައްޓަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ތަވާޟުއުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެއް ކަމުގައި ބަޔާންކޮށް ހުތުބާގައި ބުނީ އެއީ ހިތްތިރިކަމާއި މަޑުމޮޅިކަމާއި މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުން ކަމަށެވެ. އަދި ލިބިފައިވާ ޖާހާއި މާލުގެ ސަބަބުން ފަހުރުވެރި ނުވުން ކަމަށެވެ.
ތަވާޟުއުވެރިކަމަކީ ނަބިއްޔުންގެ ހުލްގުފުޅެއް ކަމަށާއި މުއުމިނުންގެ ސިފައެއް ކަމަށެވެ. އޭގެ އިތުރުން އެއީ ސާލިހުންގެ އަލާމާތެއް ކަމަށެވެ. އެ ސިފައިގެ ސަބަބުން ޝަރަފުވެރީންގެ ޝަރަފު އިތުރުވާ ކަމަށެވެ. ނަސްރުވެރީންނަށް ނަސްރު ލިބޭ ކަމަށެވެ. ހަމަ އެގޮތަށް އެ ސިފަ ލިބިގެންވާ މީހަކަށް މީސްތަކުންގެ ފަރާތުން ސަނާ އާއި ތައުރީފާއި ޝުކުރުގެ ޖިޒީތައް އޮހޭ ކަމަށެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި ތަވާޟުއުވެރިކަމުގެ ސިފައިން ޒީނަތްތެރިވާ މީހާގެ ދަރަޖަ މާތް ﷲ އުފުއްލަވާ ކަމުގަ އެވެ. އަދި އެ ސިފައިގައި ހިފަހައްޓައިފި މީހާއަށް، އެކަލާނގެ އާހިރަތުގެ ގޮވަތީން ނިއުމަތާއި ބާއްޖަވެރިކަން ދެއްވާ ކަމުގަ އެވެ.
ތަވާޟުއުވެރިކަމަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެއް ކަމުގަ އެވެ. އަދި އުހުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެއް ކަމުގަ އެވެ. މުސްލިމުންގެ އުހުއްވަތްތެރިކަމަކީ ހުރިހާ އުމުރުފުރާތަކަށާއި އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެއް ކަމުގަ އެވެ. އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަންޖެއް، ފަގީރެއް ނުވަތަ އަރަތްބެއް، އަޖަމީއެއް ނުވަތަ ކަޅުމީހެއް، ދޮންމީހެއް ތަފާތު ނުވާ ކަމުގަ އެވެ. ތަފާތު ވަނީ ހަމައެކަނި އެ މީހެއްގެ ތަގުވާވެރިކަމާއި ހެޔޮ އަމަލުން ކަމުގަ އެވެ.
ކީރިތި ނަބިއްޔާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. “ހަމަކަށަވަރުން ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ތަވާޟުއުވެރިވުމަށް މާތް ﷲ ތިމަންކަލޭގެފާނަށް ވަޙީކުރެއްވި އެވެ. އެއީ ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ކިބުރުވެރިވެ ބޮޑާވެނުގަތުމަށާއި އެކަކު އަނެކަކުގެ މައްޗަށް އަނިޔާވެރިވެނުގަތުމަށެވެ.”
މީހަކު، މާތް ﷲ ގެ ހަޟުރަތުގައި މަތިވެރި ދަރަޖަ އެދޭ ނަމަ އަދި މީހުންގެ މެދުގައި ގަދަރުވެރި މީހަކަށް ވާން ބޭނުން ނަމަ، އެ މީހަކަށް އޮތީ ތަވާޟުއުވެރިވެ، ރިވެތި އަހްލާގުގައި ހިފެހެއްޓުން ކަމުގައި ހުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. “ސަދަގާތް ދިނުމަކުން މުދާ އުންޏެއް ނުވެ އެވެ. އަދި މައާފުކުރާ އަޅަކަށް، އިއްޒަތްތެރިކަމެއް މެނުވީ މާތް ﷲ އިތުރު ނުކުރައްވަތެވެ. އަދި ﷲ އަށް ޓަކައި ތަވާޟުއުވެރިވެއްޖެ މީހާގެ ދަރަޖަ، މާތް ﷲ މަތިވެރިކުރައްވާ ހުއްޓެވެ.”
މިއަދުގެ ހުތުބާގައި ބުނީ އިސްލާމްދީން ފެތުރުނީ މަޑުމައިތިރިކަމާއި ތަވާޟުއުވެރިކަމާއި އޯގާތެރިކަމުން ކަމަށެވެ. މާތް ނަބިއްޔާ މުސްލިމުންގެ ނިކަމެތިންނާއި ބަލިމީހުންނަށް ޒިޔާރަތްކުރައްވައި، އެ މީހުން މަރުވުމުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ސަހާބީންގެ ކުޑަކުދީންނަށް ޒިޔާރަތްކުރައްވައި، އެ ކުދީންގެ ބޮލުގައި ފިރުއްމަވައި ހައްދަވާ ކަމަށެވެ.
ތަވާޟުއުވެރިވުމަކީ މުސްލިމުންގެ އަހްލާގު ކަމަށެވެ. އެންމެ ފުރަތަމަ ތަވާޟުއުވެރި ވާންވީ މާތް ﷲ އަމުރުކުރެއްވި ކަންތައްތައްކޮށް، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް ކަމަށެވެ. ދެ ވަނައަށް ތަވާޟުއުވެރިވާންވީ މާތް ﷲ ގެ މަތިވެރިކަމާއި ޖަލާލުވަންތަކަމާއި ކިބްރިޔާއުވަންތަކަމާއި އިއްޒަތްވަންތަކަމަށް ކަމަށެވެ. އެއަށްފަހު ހެދުން އެޅުމާއި ހިނގައި ބިނގައިވެ އުޅުމުގައި ތަވާޟުއުވެރިވުމަށް ކަމަށެވެ.
“މިހާރަކަށް އައިސް ދެ ޖިންސުގެ މީހުން ހެދުން އެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. ހާއްސަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މި ކަން ވަނީ ރީތި ކަމެއް ކަމުގައި ވެފަ އެވެ.”
ތަވާޟުއުވެރިވުމުގައި ހަތަރު ވަނަ ކަމަކަށް ހުތުބާގައި ފާހަގަކުރީ މަސައްކަތްތަކުގައި މީހުންނާ ބައިވެރިވެ، އެ މީހުންނަށް އެހީތެރިވުމުގައި ތަވާޟުއުވެރިވުމެވެ. އޭގެ އިތުރުން އަނބިދަރީންނާ މެދު ރަނގަޅު ގޮތުގައި މުއާމަލާތުކޮށް، އެ މީހުންނަށް ގޭގެ މަސައްކަތުގައި އެހީތެރިވެ ދިނުމުގައި ތަވާޟުއުވެރިވުމެވެ. އަދި ކުޑަކުދީންނަށް އޯގާތެރިވެ، އެ ކުދީންނާ ސަމާސާ ކުރުމުގަ އާއި ތިމާ ގެންގުޅޭ ނޯކަރުންނާ މެދު މުއާމަލާތު ކުރުމުގައި ވެސް ތަވާޟުއުވެރިވުމެވެ.
ހަގީގީ މަތިވެރިކަން ލިބިގެންވާ މީހުންނަކީ މާތް ﷲ ރުއްސަވައިވޮޑިގަންނަވާ ގޮތަށް އަމަލުތައް ބަހައްޓައި، ދާއިމީ ނިއުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދުމަށް، ހީވާގިކަމާ އެކު މަސައްކަތްކުރާ މީހުން ކަމަށް ހުތުބާގައި ބުންޏެވެ. މުއުމިނުން ކަމުގައިވާ ހާލު އެކަލާނގެ ރަހްމަތަށް އުންމީދުކޮށް އަދި އެކަލާނގެ އަޒާބަށް ބިރުވެތިވާން ޖެހޭ ކަމަށާއި އޭރުން ﷲ ގެ ފުއްސެވުމާއި ރުއްސެވުން ލިބޭނެކަން ފާހަގަކުރި އެވެ.
ތަވާޟުއުވެރިވުމުން މާތް ﷲ ގެ ލޯތްބާއި މީސްތަކުންގެ ލޯބި އެ މީހަކަށް ލިބޭނެކަން ފާހަގަކޮށް ހުތުބާގައި ބުނި ގޮތުގައި ވަނީ މީހާގެ އުމުރު ކިތަންމެ ދިގުކޮށްދެއްވި ނަމަވެސް، މި ދުނިޔެ އާ އަލްވަދާއު ކިޔަން ޖެހޭނެ ކަމުގަ އެވެ. ވުމާ އެކު ކޮންމެ މީހަކަށް ވެސް އޮތީ އެ މީހެއްގެ އަމަލުތަކަށް ފާރަވެރިވެ، ﷲ ގެ ހަޟުރަތަށް އިބްތިހާލުވެ، ކުރެވިފައިވާ ކުށްތައް ފުއްސަވައިދެއްވުން އެދި ދުއާކޮށް، ތަވާޟުއުވެރިކަމާ އެކު، ހެޔޮ އަމަލުކުރުން ކަމުގަ އެވެ.
އިލްމުވެރީންނާއި އެކިއެކި މަގާމުތަކަށް އިސްކުރައްވާފައިވާ ފަރާތްތަކާ އަދި ހުރިހާ އެންމެން މާތް ﷲ އަށް ބިރުވެތިވެ، ކިބުވެރިކަމާއި ބޮޑާކަން ދޫކޮށް، އެކަލާނގެ ހަޟްރަތަށް ތަވާޟުއުވެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.