ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ހިޒް އެކްސެލެންސީ ސުލްތާން ބިން ޢަބްދުއްރަހްމާން އަލް މަރްޝަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި އެވެ.
ސަރުކާރު ސައިޓްގައި ލިޔެފައިވާ ގޮތުގައި ސައޫދީ ފަންޑުގެ ސީއީއޯގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަކަށް، މިއަދުން ފެށިގެން އަންގާރަ ދުވަހު ކުރައްވާ ދަތުރުފުޅެކެވެ.
ސިއީއޯ ސުލްތާން ބިން ޢަބްދުއްރަހްމާން އަލް މަރްޝަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ފައިނޭންސިން އެއްބަސްވުންތަކުގެ ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން، އެސްޑީއެފްގެ އެހީގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ސައުދީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެކެވެ. އެ ފަންޑުން ވަނީ ދަތުރުފަތުރާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ ފޯރުކޮށްދީފަ އެވެ.
ހާއްސަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، އެސްއެފްޑީ އިން ވަނީ ދެ މުހިންމު މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފަ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށެވެ.
މީގެ މަގުސަދަކީ ފަތުރުވެރިކަމާއި އިގުތިސޯދީ ކުރިއެރުން އިތުރު ކުރުމެވެ. އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫއަށެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށް، ސިއްހީ ހިދުމަތްތައް ފުޅާކުރެވޭނެ އެވެ.
ސަޢޫދީ ފަންޑު ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ޓަކަ އެވެ.
މި ފަންޑުގެ މަގުސަދަކީ ލުއި ލޯނުތަކާއި ހިލޭ އެހީގެ ޒަރީއާއިން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމެވެ. މި ގޮތުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ސިއްހަތާއި، ތައުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.