ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒާތީ މައުލޫމާތު ހިމެނޭތީވެ އެބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު “ދެން” އަށް ވިދާޅުވީ ޖޭއެސްސީން އިޖުރާތްތައް ފުރިހަމަކޮށްފައިވާތީވެ ދެ ފަނޑިޔާރުން ވަކިކުރުމަށް ތަޅުމަށް ފޮނުވަން ފާސްކޮށްފައިވާ ކަމަށެވެ.
ފާސްކޮށްފައިވަނީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 7 މެންބަރުންގެ ވޯޓުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން ވަނީ މިއަދުގެ ބައްދަލުުވުން ބޮއިކޮޓް ކޮށްފަ އެވެ.
ދެ ފަނޑިޔާރުންގެ މައްސަލަ
އިސްމާއީލް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީން ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް މައްސަލަ ތަހުގީގުކުރި ކޮމިޓީން ވަނީ ނިންމާފަ އެވެ.
ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓާ މެދު ގޮތް ނިންމުމަށް ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ އެ ކޮމިޓީން ބެލި އަޒްމިރަލްދާ އާއި މަހާޒުގެ ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަތުމަށާއި އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެެވެ.
ރިޕޯޓުގައި ވަނީ އިސްމާއީލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ބަންދުގެ މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހީމް ޒިހުނީއަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުއްވިކަން ސާބިތުވާ ކަަމަށް ކަނޑައަޅާފަ އެވެ. އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލިހަށް ހުށަހަޅަން މައްސަލަ ބެލި ކޮމިޓީން ވަނީ ނިންމާފަ އެވެ.
ޖޭއެސްސީން މައްސަލަ ބަލާފައި ވަނީ އޮންނަ އުސޫލާ ހިލާފަށް ކަަމަށް ވިދާޅުވެ، މަޖިލިހަށް ހާޒިރުވެވަޑައިގެން ކަންބޮޑުވުންތައް ހިއްސާކުރެއްވުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އާއި މަހާޒު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ދެ ފަނޑިޔާރުންގެ އިތުރުން ކޮމިޓީއަށް ހާޒިރުވެ ކަންބޮޑުވުން ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ފުރުސަތަކަށް އެދިފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން އެގޮތަށް އެދި މަޖިލިހަށް ފޮނުވައި ތަޅުމުން ނަގާ ވޯޓަކުންނެވެ. މަޖިލިހަށް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މީގެކުރިން ވަނީ ވަކިކޮށްފަ އެވެ.
މި މައްސަލައިގެ އިތުރުން އަޒްމިރަލްދާ އާއި މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު ދެ ފަނޑިޔާރުން ތިއްބެވި މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސް ބަޔާން ނެރުއްވުމަކީ ފަނޑިޔާރު މީޑިއާތަކާ ވާހަކަ ދައްކައި ހިނގަމުންދާ މައްސަލައަކަށް މައްސަލައިގެ ބޭރުން ރައްދު ދިނުން ކަމަށް ބަލައި ސުލޫކީ މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާ އާއި މަހާޒު މަގާމުން ސަސްޕެންޑްކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ އާ ގުޅޭ ތަފުސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. މައްސަލަ އޭސީސީގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އެ މައްސަލައިގެ އިތުރުން ޝާމިލް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކުރައްވާ ފުލުހަށް ވެސް މައްސަލައެއް ހުށަހެޅުއްވި އެވެ. އެހެންނަމަވެސް މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.