
މާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު މާލެއިން 33،000 އަށް ވުރެ ގިނަ ކާނު ސާފުކޮށް 450އަށް ވުރެ ގިނަ މަގު މަރާމާތުކުރިކަމަށް އެ ސިޓީ ކައުންސިލްއިން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލްއިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 235 މަގެއްގެ، 33002 ކާނު ސާފުކޮށް، 464 މަގު މަރާމާތުކުރި ކަމަށެވެ.
ކައުންސިލްއިން ބުނީ އެ 235 މަގުން އެ މުއްދަތުގެ ތެރޭގައި 2597 ޓަނޭޖެގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ވެސް ނެގި ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
އަދި މަގު ހެދުމުގެ މަ މަޝްރޫއުގެ ދަށުން، ގޯޅިތަކުގެ އަސާސީ ކަންކަން ރަނގަޅުކޮށް، ފެން ހިންދާ ނިޒާމާއި މަގުމަތީގެ ބައްތިތައް ހަރުކުރުން ފަދަ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން މަގުތަކާއި ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެ މަގުތަކާއި ގޯޅިތައް ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މައްސައްކަތް ތަކެއް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ގޯޅިތަކާއި މަގުތައް ހަލާކުވެ، އެތައް އަހަރުތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އެ ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

