މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 3.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
އެސްޓީއޯގެ މި އަހަރުގެ އަހަރުގެ ދެވަނަ ކުއާޓާގެ ހިސާބުތައް އެ ކުންފުނީގެ ވެބްސައިޓްގައި އާންމުކުރީ މިއަދު އެވެ.
އެގޮތުން ދެވަނަ ކުއާޓާގައި 3.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު މިއީ ފުރަތަމަ ކުއާޓާއާ އަޅާ ބަލައިއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.
ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި އެ ކުއާޓާގައި ތެލުގެ ޑިމާންޑް ދަށްވުމާ ގުޅިގެން ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 574 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު ދެ އިންސައްތައިގެ ދަށްވުމެކެވެ.
އެހެން ނަމަވެސް އެސްޓީއޯގެ އެހެނިހެން ވިޔަފާރި ތަކުން ލިބުނު ޖުމްލަ އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ހަރަދު އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 236 މިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 11 އިންސައްތައިގެ ދަށްވުމެކެވެ.
ހިންގުމުގެ ފައިދާ ދަށްވިކަމުގައިވީ ނަމަވެސް ދެވަނަ ކުއާޓާރގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާއިއެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 198 މިލިއަން ރުފިޔާ ލިބިފައެވެ.
ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 163 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 3 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރއާއި އަޅާ ބަލާއި އިރު ސާފު ފައިދާ 15 މިލިއަންއިން އިތުރުވެ، 10 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.