ދުންފަތުން ދުރުކުރުމުގެ ގޮތުން މި ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި ގަވައިދުތަކަށް ގެނައި އިސްލާހުތައް ތަންފީޒުކުރޭތޯ ބަލަން ހާއްސަ އިންސްޕެކްޝަންތަކެއް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ކަމާ ބެހޭ އެކި އިދާރާތައް ގުޅިގެން އެ އިންސްޕެކްޝަންތައް ފެށީ މި މަހުގެ 20 ވަނަ ދުވަހު ކަމެވެ.
އެހެންވެ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި އެކަމުގައި ހަރަކާތްތެރިވާ ޓީމުތަކަށް އެއްބާރުލުން ދިނުމަށް ވެސް މިނިސްޓްރީން އިލްތިމާސްކުރި އެވެ.
ދުންފަތް ކޮންޓްރޯލް ކުުރުމުގެ އާ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެ އިސްލާހާ ގުޅިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން ވެސް އެ ގާނޫނުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް ވެސް އޮތީ އިސްލާޙު ގެނެސްފަ އެވެ. އެ ގަވައިދުގައިވާ ގޮތުން ޝަރުތު ފުރިހަމަނުކޮށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ މަރުހަލާގައި އެތެރެކުރި ފަރާތް ޖޫރިމަނާ ކުރުމަށް ފަހު ނައްތާލުމުގެ ހަރަދު އެ ތަކެތި އެތެރެކުރާ ފަރާތްތަކުން ކުރަން ޖެހޭނެ އެވެ.