ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް މާލީ އިނާޔަތެއް ދޭން ނިންމައި ކަމާ ގުޅޭ ދިރާސާއެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން ދިރާސާއެއް ހެދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް، ހުށަހެޅުމަށް، މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލިހުގެ ޖަލްސާގައި ކަމާ ބެހޭ ވަޒީރުންނަށް އަންގަވާފައިވާ ކަމުގަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ…
— Dr Mohamed Muizzu (@MMuizzu) June 24, 2025
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް މާލީ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ނިންމިއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އުފަންވި އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް އިސްތިއުމާލުކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް އެ ތާރީހުގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ މީހުންނަށާއި އުމުރުން 21 އަހަރު ނުވާ މީހުންނަށް ވިއްކުން މަނާކޮށް، ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް އެ އުމުރުފުރައިގެ މީހުން ބައިވެރިކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން ވަނީ މަނާކޮށްފަ އެވެ.
ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަކުރުން މަނާކޮށް، ސަރުކާރުން ދަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާސިލުވެވޭނެ މަގުތައް ހަނިކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.