
އިސްލާމިކް ޓުއަރސްގެ ތިން ޙަރަމް ޢުމްރާގެ ބާއިވެރިން މިއަދު ފަލަސްޠީނަށް ވަދެ މަސްޖިދުލް އަޤްޞާއަށް ޒިޔާރަތްކޮށްފިއެވެ.
އިސްލާމިކް ޓުއަރސްއިން ކުރަމުންގެންދާ ތާރީޚީ އާޘާރުތައް ބަލައިލުމުގެ ޘަޤާފީ ދަތުރުގެ ބައިވެރިން މިއަދު ފަލަސްޠީނަށް އެ ދިޔައީ ޢުރުދުން (ޖޯޑަން)ގައި 4 ދުވަހު ތިބުމަށް ފަހުއެވެ. މި ދަތުރުގެ ބައިވެރިން ފަލަސްޠީނުގައި 4 ދުވަހު ތިބުމަށް ފަހު ދެން ދަތުރުކުރާނީ މިސްރަށް ކަމަށް އިސްލާމިކް ޓްއަރސްގެ ޑިރެކްޓަރ އަދި ދީނީ އިސް މުސްތަޝާރު އައްޝައިޚް މުޙައްމަދު އަފްޟަލް ވިދާޅުވިއެވެ.
“ޖަނަވަރީ އެކެއްގައި ރާއްޖެއިން ފުރައިގެން އަޅުގަނޑުމެން ފުރަތަމަ ދިޔައީ ޢުރުދުނަށް އެ ތަނުގައި ހުރި ތާރީޚީ އާޘާރުތަށް ބަލައިލުމަށް ފަހު މިހާރު މި ތިބީ ފަލަސްޠީނުގައި، الحمد لله. ތިން ރޭ ހަތަރު ދުވަސް މި ތަނުގައި ތިބެފައި ދެން އިރާދަކުރެއްވިއްޔާ ދާނީ މިޞުރަށް، މިޞުރުން ދެން ސަޢޫދީ ޢަރަބިއްޔާއަށް!” ޝައިޚް އަފްޟަލް ވިދާޅުވިއެވެ.
އިސްލާމިކް ޓުއަރސްގެ މި ދަތުރަކީ ފަލަސްޠީނުމަގުން ތިން ޙަރަމް ހިމެނޭހެން ޢުމްރާއެއް ވުމަށް ވަރަށް ދިގު އިންތިޒާރަކަށްފަހު ދިވެހިންނަށް ލިބުނު ވަރަށް އުފާވެރި ފުރުޞަތެކެވެ. މި ދަތުރުގައި ޢުރުދުނާއި މިޞުރުން ފެންނަން ހުރި އާޘާރުތައް ބަލައިލަން ލިބޭ ކަމީ ދަތުރަށް ލިބޭ އިތުރު ފުރިހަމަކަމެއްގެ ގޮތުގައި ދަތުރުގެ ބައިވެރިން ފާހަގަކުރެއެވެ. އެ ގޮތުން ކަހަފް ބާގައިގެ މީހުން ނިދާފައި ތިބި ހޮހޮޅައާއި ޞަލާހުއްދީން ޢައްޔޫބީ ބިނާކުރެއްވި އަޖްލޫން ކިއްލާއާއި ލޫޠުގެފާނުގެ ޤައުމު ބަންޑުންޖައްސަވައިލެއްވި ސަރަޙައްދާއި ބަނީ އިސްރާއީލުންނަށް ދެއްވަން، ﷲ ވަޢުދުވެ ވަޑައިގެންނެވި ބިން މޫސާގެފާނަށް ފެނިވަޑައިގެންނެވި އިރު އެކަލޭގެނާފު ހުންނެވި ފަރުބަދައާއި މި ނޫން ވެސް އިތުރު ތަންތަނަށް މި ދަތުރުގައި ޒިޔާރަތްކޮށްފައި ވެއެވެ.
މިސުރުގެ ޕިރަމިޑުތަކަށާއި، މާތް ﷲގެ ކޯފާ ޙައްޤުވެ ޣަރަޤުވެގެން ދިޔަ ފިރުއަޢުނުގެ ހަށިގަނޑު ބަލައިލުމާއި މޫސާގެފާނަށް ތައުރާތު ބާވައިލެއްވުމަށް، އެކަލޭގެފާނު ގެންދެވުނު ފަރުބަދައަށް ވެސް މިސްރުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައި ވެއެވެ.

އިސްލާމިކް ޓުއަރސުން މަޢޫލޫމާތު ދޭ ގޮތުގައި މިފަދަ ދަތުރެއް ރޭވުމުގެ ބޭނުމަކީ ރާއްޖޭގައި ތިބެގެން ދަރުސްތަކުން ދަސްކުރާ ފިލާވަޅުތަކާއި ލިބޭ ތާރީޚީ މަޢުލޫމާތުތަކުގެ އަސްލު ހާދިސާ ހިނގާފައިވާ ތަންތަނަށް ދިވެހިން ގެންގޮސްދިނުމެވެ. އަދި ހަމައެހެންމެ އެ ތަންތަން ލޮލުން ދެކެ އަތުން ހިފައި އަމިއްލަ މީހާއަށް ޢަމަލީ ތަޖުރިބާކޮށްލުމުގެ ފުރުޞަތު ހުޅުވައިލަދިނުމެވެ. އަދި މި ކަންކަމުގެ ސަބަބުން ދީނީ ރޫޙު ހިތްތަކުގައި އާލާކޮށްދިނުމެވެ. އަދި ރޫޙާނީ ދުޅަހެޔޮކަމެއްގައި މީހާ ހުރެގެން ޢުމްރާއެއްވެ، އިޚްލާޞްތެރިކަމާ އެކު ތައުބާ ވުމަށް ދޮރުހުޅުވައި ދިނުމެވެ.
މި ދަތުރު ތަކުގައި އެންމެ އިސްކަމެއް ދެއްވައިފައި އޮންނާނީ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި އިސްލާމިކް ޓުއަރސްގެ މެނޭޖިން ޑިރެކްޓަރ ޙަސަން ސިނާން ބުނުއްވިއެވެ. ސިނާނު ބުނުއްވި ގޮތުގައި، މިއަދު ދުނިޔޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު މެދު އިރުމަތި ފެންނަނީ ވަރަށް ހަލަބޮލިވެފައި އޮއްވައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދަތުރުތަކުގެ ބައިވެރިނަށް އެއްވެސް ރަކުލީފެއް ނުޖެހޭ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުންނާނެވެ. އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމާއި ޤައުމުތަކުން ނަގަންޖެހޭ ވިސާ ނެގުމާއި ކޮންމެ ދަތުރަކަށް އެ ޤައުމަކުން ޓުއަރ ޤައިޑެއް ހަމަޖެއްސުން ފަދަ ކަންކަން ރާއްޖެއިން ފުރުމުގެ ކުރިން ހަމަޖައްސާފައި ވާނެ ކަމަށް ވެސް ސިނާނު ބުނުއްވިއެވެ.
އިސްލާމިކް ޓުއާރސްގެ މަޤްޞަދަކީ ދުނިޔޭގައި ފެންނަންހުރި އިސްލާމީ އާޘާރުތަކާ ހަމައަށް އަމާކާމާއި ސަލާމަތްކަންމަތީ ދިވެހިން ގެންގޮސްދިނުމެވެ. އަދި އެމީހުންގެ ދަތުރުގައި ދުޅަހެޔޮ ޞިއްޙަތައި ޢާފިޔަތުގެ މަތީ ތިބެވޭނެހެން ދިވެހިންނަށް ފަސޭހައިން ތިބެވޭނެ ގޮތާއި އެ ތަންތަނުން ކެއުންބުނިމުގެ އިންތިޒާމު ރަނގަޅުގޮތުގައި ހަމަޖައްސައިދިނުމެވެ.
މިފަދަ އިތުރު ދަތުރުތައް އަދިވެސް ކުރިޔަށް ހުރިކަމަށާއި ހުރިހާ ދިވެހިންނަށް މި ދަތުރުތަކަށް މަރުޙަބާ ކިޔާކަމަށް އިސްލާމިކް ޓްއަރސުން ބުނެއެވެ.
“އަޅުގަނޑުމެންގެ ދަތުރުތަކާއި އެހެނިހެން ހަރަކާތްތައް ބެއްލެވުމަށް، އަޅުގަނޑުމެންގެ މީސްމީޑިއާ މަންސަތަކަށް ފޮލޯކޮށްލަށްވާ” އިސްލާމިކް ޓްއަރސްގެ މެނޭޖިންޑައިރެކްޓަރ ޙަސަން ސިނާނު ބުނުއްވިއެވެ.

