
ރޭ އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ތާށިވެފައި ތިބި ބިދޭސީން ނެރުނީ ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ދޭއް ޖަހާކަންހާ އިރު ހިނގި އެ ހާދިސާގައި ބަނގުލަދޭޝްގެ ފަސް މީހަކު މަރުވި އިރު ދުމުގެ ސަަބަބުން ހާލު ސީރިއަަސްވި ބަނގުލަދޭޝްގެ އިތުރު ދެ މީހަކު މާލެ ގެނެސް ދަނީ ފަރުވާވެސް ދެމުންނެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58އެހައިކަންހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ.
ފުލުހުން ބުނީ ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު އޮތީ މަރުވެފައި ކަމަށެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިހާރު ފުލުހުންގެ ހާއްސަ ޓީމެއްވެސް މިއަދު ވަނީ އެ ރަށަށް ގޮސްފައެވެ.

